އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އާ އޮފީހެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު އެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެކަމަށާއި، މި އޮފީސް ހިނގަމުންދާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކަމަށާއި އޮފީހުގެ ކަންކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ އިކޮނޮމިކް މިނިސްޓަރު ކަމަށް ބިލްގައި ބުނެފައިވެ އެވެ.

އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީކުރުމާއި،ރަޖިސްޓަރީ ކުރެވޭ ފިކުރީ މުދަލާބެހޭ ދަފުތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޖަމާއަތްތަކާ ގުޅުން ގާއިމުކޮށް ބަދަހިކުރުމާއެކު އެ ޖަމާއަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުމާއި، ފިކުރީ މުދަލާގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވުމާގުޅޭ ކަންކަމާއި އެ މުއާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި ވިލަރެސްކޮށް، ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުމުގެ އިތުުރުން، ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ގާނޫނުތަކުގެ ދަށުން އެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން ހިމެނެ އެވެ.

މި ބިލުގައިވާ ގޮތުން އެ އޮފީސް ހިންގުމުގެ އެންމެ އިސް މީހަކީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކޮށް ވަކިކުރާނީ އިކޮނޮމިކް މިނިސްޓަރެވެ.