މަރުވެފައިވާ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރެވުނީ އެ މީހާގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުލިބޭކަމަށް ބުނެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މައްސަލަ ހުށަހެޅުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފި އެވެ.

މިގޮތުން ޕީޖީ އިން ދައުވާ ކުރި ތ. ތިމަރަފުށީ މުއާވިޔަތު މޫސާ، 31 އަކީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު ތައިލެންޑުގައި މަރުވެފައި އޮއްވައި ފެނުނު މީހެކެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މިއަދަށް ތާވަލުކުރިއިރު، ޕީޖީ އޮފީހުން ބުނީ މުއާވިޔަތު މަރުވެފައިވާ ކަމަކަށް އެއްވެސް އިދާރާއަކުން އެ އޮފީހަށް އަންގާފައިނުވާ ކަމަށާއި، މީހަކު މަރުވިކަމަށް އެ އޮފީހުން ބަލަނީ މަރު ސާބިތުކުރި ލިޔުން ލިބުމުން ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެކަން ކަށަވަރުކޮށްދިނުމުން ކަމަށެވެ.

"ރަސްމީ އެއްވެސް އިދާރާއަކުން، މީނާ މަރުވެފައިވާކަން މިއޮފީހަށް އަންގާފައި ނުވޭ. މީހަކު މަރުވިކަމަށް މި އޮފީހުން ބަލަނީ މަރު ސާބިތުކުރި ލިޔުން މި އޮފީހަށް ލިބުމުން. ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެކަން މި އޮފީހަށް ކަށަަވަރުކޮށްދިނުމުން،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، ވައްކަމުގެ މައްސަލައެއްގައި އޭނާ މައްޗަށް 12، 2022 ގައި ވަނީ 42،000 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭ މީރާއަށް ދެއްކުމަށާއި 783 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމަށް ހުކުމް ކޮށްފަ އެވެ.

އެހެންނަމަވެސް މިފައިސާ ނުލިބިގެން މީރާއިން ޕީޖީ އަށް ހުށަހެޅީ 17 ޖޫން 2025 ގަ އެވެ. އެއާއެކު ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އަދަބު މުރާޖައާކޮށްދިނުމަށް ޕީޖީން ހުށަހެޅި އެވެ.

މިހާރު އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުނެފައިވާއިރު، ކްރިމިނަލް ކޯޓުން ވެސް ބުނީ މުއާވިޔަތު މަރުވެފައިވާ ކަމުގެ މައުލޫމާތެއް ކުރިން ކޯޓަށް ނުލިބޭ ކަމަށާއި ކަން އާއިލާއިން އެންގުމުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން މެދުވެރިކޮށް އެކަން ބަލަމުން އަންނަ ކަމަށެވެ.

މުއާވިޔަތު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު ތައިލެންޑުގެ ބެންކޮކުގައި ހުންނަ ހޮޓަލެއްގެ ކޮޓަރިންނެވެ.

އަތުގައި އެއްވެސް ފައިސާއެއް ނެތް މުއާވިޔަތަށް ހަރަދުކޮށްގެން ބަޔަކު ތައިލެންޑަށް ގެންދިޔަކަމަށާއި، މުއާވިޔަތު ފުރައިގެން ދިޔައީ އެކަން ހުއްޓުވަން ޕާސްޕޯޓް ފޮރުވުމުން އާ ޕާސްޕޯޓެއް ހަދައިގެން ތައިލެންޑަށް ގެންގޮސް މަރާލީ ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.