އއ.މާޅޮހުގައި ބޮޑެތި ޒަހަމްތަކެއް ދީ މިދިޔަ ހޮނިހިރު ދުވަހު މަރާލި އެރަށު އޯކިޑްމާގެ، އަބްދުލް ރަހުމާން އާދަމް (65 އ.) ގެ އޮޓޮޕްސީ ހެދުމަށްޓަކައި މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއަށް ފޮނުވާލުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، އޭނާގެ ހަށިގަނޑު ފޮނުވާލުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ތިރުވަނަންތަޕުރަމް އަށް ކަމަށެވެ.
ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އަބްދުއްރަހުމާން މަރުވީ އެރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެރޭ ދަންވަރު 1:50 ހާއިރު އެވެ.
މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ ބުނެފަ އެވެ.
ފުލުހުންގެ ފޮރެންސިކް އަދި މަރުގެ މައްސަލަތައް ތަހުގީގު ކުރާ ޑިޕާޓްމަންޓަކުން އެ ރަށަށް ދިޔައިރު ފުލުހުން ވަނީ މާހިޔާ ގެ އާއި އެ ގެ ހުންނަ ސަރަހައްދު ބަލައި ފާސްކޮށް ބައެއް ހެކިތައް އެއްކޮށްފަ އެވެ. މީގެ އިތުރުންވެސް އެ ރަށުގެ ބައެއް މީހުންނާ ސުވާލުކޮށް، ފައިގެ އަދި އަތުގެ ނިޝާނާއި، ބައެއް ޑީއެންއޭ ސާމްޕަލް ވެސް ވަނީ ނަގާފަ އެވެ.
އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ރަށުގެ ސިއްހީ މަރުކަޒަށް އެންގީ އޭނާގެ އަންހެނުންނެވެ. ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މަރުވި މީހާގެ އަނބިމީހާ އަކީ ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓަކަށް އުޅޭ މީހެކެވެ. އަދި ގޭގައި ދިރިއުޅެނީ އެ ދެމަފިރިން ކަމަށްވާއިރު، މި ދެމަފިރިންގެ ދެ ކުދިން ވެސް އުޅެނީ މާލޭގަ އެވެ.
"ކަރުގައި ތޫނު އެއްޗަކުން ހަމަލަދީފައިވާ ކަމުގެ ހެކި ހުރި ކަމަށް ވެސް ރަށުތެރޭގައި ކިޔާ އެބަ. ބޮލުގެ ހަތަރު ތަނަކަށް ހަމަލަދީފައި ހުރި،" އެމީހާ ބުންޏެވެ.
ފުލުހުން މި މައްސަލާގެ ތަހުގީގު ކުރަމުންދާއިރު، އެ ރަށަށް އަރައި ފައިބާ މީހުން ވެސް މި މައްސަލައާ ގުޅިގެމް މޮނީޓާ ކުރި އެވެ.