ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކުރެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާާމުގައި ވާހަކަދައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ޖުލައި 27 ގައި މޯލްޑިވިއަނާއެކު އާ ޓާމިނަލްގެ އޮޕަރޭޝަން ފެށުމަށްފަހު ފަހަރަކު އެއާލައިނެއް އެ ޓާމިނަލަށް ބަދަލުކުރާނެ ކަމަށާއި، މިފަދައިން ކުރިއަށް ގެންދާނީ ތަޖުރިބާކާރުންގެ ލަފަޔާއެކު ކަމަށެވެ.

އާ ޓާމިނަލްގެ އޮޕަރޭޝަން އޮމާންކަމާއެކު ކުރިއަށްގެންދަން އަމާޒުކޮށްފައިވާކަން ފާހަގަކޮށް މުޖުތަބާ ވިދާޅުވީ މިއަހަރުގެ ފަތުރުވެރިންގެ ސީޒަން އަންނަންވާއިރަށް ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގުވާމީ ހުރިހާ އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކުރެވޭނެ ކަމަށާއި، މިހާރު ނިންމާފައިވާ ގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއާލައިނަކަށް ހިދުމަތް ދޭނީ އާ ޓާމިނަލުން ކަމަށެވެ.

"އަޅުގަނޑުމެން ފަތުރުވެރި ކަމަށް ޑިޕެންޑްވާ ގައުމަކަށްވީމަ، މިކަމުގެ ތެރޭގައި އެއްވެސް މައްސަލައެއް އުޅެގެން ނުވާނެ ކަމަށް އެ ބޭފުޅުން ވެސް (އޮރާޓް) ވިދާޅުވަނީ. އެހެން ނޫނީ ގައުމަށް ލިބިދާނެއޭ ގެއްލުމެއް. އެހެންވީމަ އެކަން އެންމެ ސްމޫތުކޮށް ގެންދިއުމަށްޓަކައި ފަހަރަކު އެއާލައިނެކޭ ގެންދާނީ،" އޭނާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ އާ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކުރުމަށްފަހު މިހާރު ބޭނުންކުރާ ބައިނަލްއަގުވާމީ ޓާމިނަލަށް ބަދަލު ގެނެސް، އެތަން ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރުމުގެ ވިސްނުން އެމްއޭސީއެލުން ގެންގުޅޭ ކަމަށެވެ.

މިއާއެކު ރައީސް މުހައްމަދު މުއިއްޒުގެ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކުރިއަށް އޮތް 40 އަހަރު ދުވަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތައް ފެށިގެންދާނެކަން ފާހަގަކުރައްވަމުން މުޖުތަބާ ވިދާޅުވީ އާ ޓާމިނަލާއި ސީޕްލޭން ޓާމިނަލާ ދެމެދު ބޭނުންކުރާ ވެހިކަލްގެ އަދަދު މަދުކުރުމަށް ފިކްސްޑް ލައިނެއް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާ، މި މަސައްކަތުގެ ފީސިބިލިޓީ ހެދުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ވީއައިއޭގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނައިރު، މިއީ ޒަމާނީ ވަސީލަތްތަކާ އެކު ބިނާ ކުރެވިފައިވާ ޓާމިނަލެކެވެ. މިގޮތުން 2 ފަންގިފިލާއަށް ހަދާފައިވާ މި ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖުތަކާއި ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ލިބެން ހުންނާނެ އެވެ.