އދ. ގެ ޖަމިއްޔާއެއް ކަމަށްވާ ރެފިއުޖީ އެޖެންސީ އަށް އެކަށީގެންވާވަރަށް ފަންޑު ނުލިބުމުގެ ސަބަބުން 11 މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ހާލުގައި ޖެހިދާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ދީފި އެވެ.

އެ ޖަމިއްޔާއިން އާއްމު ކުރި ރިޕޯޓުގައި ބުނީ މި އަހަރުގެ އަމާޒަކީ 10.6 ބިލިއަން ޑޮލަރުގެ ބަޖެޓަކަށް ވާސިލުވުން ކަމަށެވެ. އެހެންނަމަވެސް މިއަހަރު މިހާހިސާބަށް އައިރު ލިބިފައިވަނީ އެންމެ 3.2 ބިލިއަން ޑޮލަރު ކަމަށާއި، މިއީ ބަޖެޓުގެ 23 އިންސައްތަކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އަދި މި އަދަދުން ދުނިޔޭގެ 122 މިލިއަން ރެފިއުޖީންގެ ބޭނުންތައް ފުއްދައިނުދެވޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން އެ ޖަމިއްޔާގެ ޑިރެކްޓަރު ޑޮމިނިކް ހައިޑް ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ކަމަށާއި، އދ. އިން އެހީ ފޯރުކޮށްދިނުމަށް ނުކުޅެދުމާ ގުޅިގެން 11.6 މިލިއަން ރެފިއުޖީން ނިކަމެތި ވާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެ ޖަމިއްޔާއިން ފަންޑު ނުލިބެނީ ކޮން ގައުމުތަކެއް ކަން ހާމަނުކުރި ނަމަވެސް، މިހާތަނަށް ހާމަވެފައިވާ ގޮތުގައި އެމެރިކާއިން ވަނީ 2 ބިލިއަން ޑޮލަރުގެ ފަންޑު ކަނޑާލާފަ އެވެ. އެމެރިކާ އަކީ އެ ޖަމިއްޔާގެ ފަންޑުގެ 40 ޕަސެންޓް ފައިސާ ފޯރުކޮށްދޭ ފަރާތަށް ވާއިރު، އެމެރިކާއިން މިފަދައިން އަމަލުކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވުމަށްފަހު އެވެ.