އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕަށް ޖެހިފައިވާ ނާރުގެ ބަލިން ރަނގަޅު ނުވެ، އެ ބަލި ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނަ ކަމަށް ދުނިޔޭގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ޓްރަމްޕަށް އެ ބަލި ޖެހިފައި ހުރިކަން އެނގުނީ އޭނާގެ ފައި ދުޅަވެ، ކަނާތުގައި ފާރުގަނޑުތަކެއް ލާފައިވާ ކަން ހާމަވުމާ އެކު، އެކަމަށް އިތުރަށް ބެލިބެލުމުންނެވެ. މިކަން ވަނީ ވައިޓް ހައުސް އިން ކަށަވަރު ކޮށްދީފި އެވެ.
ޓްރަމްޕްގެ ފައި ދުޅަވެފައިވާ ކަމާއި، ކަނާތުގައި ފާރުގަނޑުތަކެއް ހުރި ކަން ފުރަތަމަ ފާހަގަ ކުރެވުނީ، ރަސްމީ ބައްދަލުވުމެއްގައި ނަގާފައިވާ ފޮޓޯތަކަކުންނެވެ.
އެ ފޮޓޯތަކުން ފެންނަނީ، ޓްރަމްޕްގެ ތަނބިކައްޓާ ގުޅޭ ހިސާބު ވަރަށް ބޮޑަށް ދުޅަވެފައިވާ މަންޒަރެވެ. އަދި، އަތުގައި ހުރި ފާރުގަނޑުތައް ވަންހަނާ ކުރުމަށް މޭކަޕް ފަދަ ސާމާނު ބޭނުން ކޮށްފައިވާކަން ވެސް ފޮޓޯތަކުން ހާމަވެގެން ދިޔަ އެވެ.
މި ކަމާ ގުޅިގެން އުފެދުނު ސުވާލުތަކަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ޓްރަމްޕްގެ ޑޮކްޓަރުގެ ސިޓީއެއް ނޫސްވެރިންނަށް އިއްވަމުން ވިދާޅުވީ، ޓްރަމްޕަށް ދިމާވެގެން އުޅޭ ސިއްހީ މައްސަލައަކީ ސީރިއަސް މައްސަލައެއް ނޫން ކަމަށެވެ. އަދި، ފައި ދުޅަވުމަކީ ޢާންމުކޮށް ގިނަ ބަޔަކަށް ކުރިމަތިވާ ނާރުގެ ބައްޔެއްގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ލެވިޓް ވިދާޅުވީ، ޓްރަމްޕްގެ އަތުގައި ފާރުގަނޑެއް ހެދިފައި ވަނީ، ގިނަ އަދަދެއްގެ ބަޔަކާ ސަލާމް ކުރާތީ ކަމަށެވެ.
ޓްރަމްޕްގެ ފައި ދުޅަވެ، އަތުގައި ފާރުގަނޑެއް ލާފައިވާ މަންޒަރު ފެންނަ ފޮޓޯތައް އާއްމުވުމާ އެކު، އޭނާއަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަމުގެ އަޑުތައް އިންޓަނެޓުގައި ފެތުރިގެން ދިޔަ އެވެ.
މީގެ އިތުރުން އެ ފޮޓޯތަކަކީ ނުރައްކާތެރި ބައްޔެއްގެ ހެކި ކަމުގައި އިންޓަރނެޓުގެ ފޯރަމްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބުނަމުން ދިޔައެވެ. ނަމަވެސް، ލެވިޓް މި ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
ޓްރަމްޕް ބައްލަވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ޑޮކްޓަރު ޝޯން ބާބަރާބެލާ ވިދާޅުވީ، އޭނާއަށް ޖެހިފައި ވަނީ "ކްރޯނިކް ވީނަސް އިންސަފިޝެންސީ" ކިޔާ ނާރުގެ ބައްޔެއް ކަމަށެވެ. އަދި، އުމުރުން 70 އަހަރުން މަތީގެ ގިނަ އަދަދެއްގެ ބަޔަކަށް ކުރިމަތިވާ ސިއްހީ ހާލަތެއް ކަމަށާއި، އެއީ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ހާލަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބާބަރާބެލާ ވިދާޅުވީ، ގިނަ ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި، ޓްރަމްޕްގެ ސިއްހަތަށް ނުރައްކާވާ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެފައި ނުވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި، ހިތާއި ކިޑްނީގެ އެއްވެސް ބައްޔެއްގެ އަލާމަތްތައް ފެންނަން ނެތް ކަން ވެސް އޭނާ ކަށަވަރު ކޮށްދެއްވި އެވެ.