ކަރަންޓު ބިލުން މުތުލަގަށް ވައްކަން ކުރަނީ މިސަރުކާރުން ކަމަށާއި މިއީ ގައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއް ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ޣަފޫރު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިއަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ކޮމާޝަލް ރޭޓުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަަރަންޓާއި ފެނުގެ ހިދުމަތަށް ކުރަންޖެހޭ ހޭދަ ބޮޑުވާ މައްސަލައިގައި މެމްބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހޯދަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވާ ޣަފޫރު ވިދާޅުވީ، ރައްޔިތުންނަށް ވެރިކަންކުރަން ސަރުކާރެއް އަންނަނީ އިގްތިސޯދު ދަމަހެއްޓުމަށް ޓަކައި ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭން ޖެހޭކަމަށާއި އައްޑޫ ރައްޔިތުން ކަނު އަނދިރީގައި އުޅޭތާ ދޮޅު އަހަރު ވީއިރުގައި ވެސް އެރަށުގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެގޮތުން އައްޑޫގެ ކަރަންޓު މައްސަލަ ބޮޑުވެ، އެރަށުގެ ރައްޔިތުން ނުކުމެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން ކެތް ނުވެގެން ގެން ދިއަ އިންޖީނަކީ ވެސް ބައުވެ ދަބަރު ޖަހާފައިވާ އިންޖީނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ކަރަންޓު ބިލކުތައް ބޮޑުވަނީ އަބަދުވެސް ހޫނު މޫސުން އައީމަ ކަމަށާއި ހުއްޓާ ނުލައި މަހެއް ވަންދެން ވާރޭ ވެހުނަސް ފިނި މޫސުމެއް ނާންނަ ކަމަށެވެ. އަދި ހޫނު ގަދަވުމުން ކުރިން 2،000 ރުފިޔާ އަރާ ކަރަންޓު ބިލު 4،000 އަށް ބޮޑުވެގެން އަންނަ އިރުގައި މަސްދުވަހު ވާރޭ ވެހުނަސް އެ ބިލްތައް ކުޑަވާގޮތެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ މި ސަރުކާރުގެ ފެނަކް މުވައްޒަފުން ގޭގެއިން އޮޅުވާލައިގެން ވަގަށް ނަގާ ލާރިކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭގައި ވެސް މުޅި މާލޭން ކަރަންޓު ދިޔަ ކަމަށާއި ރައްޔިތުން ތިބީ ގަލޯހާޖާ ވެސް ނުކުރެވިފަ ކަމަށެވެ. އަދި މިއީ ވެސް މި ސަރުކާރުގެ ހުރި ވިޔާނުދާކަން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭ ކަރަންޓު ދިއަ ވަގުތު، އެކަން ތަހުގީގު މިކުރަނީ ކަމަށް ބުނި ކަމަށާއި ނަމަވެސް އަދި އަދަށް ދާންދެން ވެސް މާލޭން ކަރަންޓު ދާންޖެހުނު ސަބަބެއް މި ސަރުކާރަށް ސާފެއް ކޮށެއް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ މި ސަރުކާރަކީ ކަރަންޓު ބިލުން ވައްކަން ކުރާ، ގައުމުގެ ރައްޔިތުންނަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް ކަމަށެވެ.

އެއާޕޯޓް ކޮމްޕެނީއިން 250 މިލިއަން ރުފިޔާ ހަރަދުކުރަނީ ދެ ގަޑިއިރުތެރޭގައި މަޖާކޮށް ނަށައި ކައިބޮއެ ހަދަން ކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ، ފެނަކަ ދަރާފައިއޮތް އިރުގައި 800 މުވައްޒަފުން މިސަރުކާރުން ފެނަކައަށް އިތުރަށް ވައްދައިފި ކަމަށެވެ.

ޣަފޫރު ވިދާޅުވީ މިއީ ކުކުޅު ބިހެއްގެ އަގު ހެޔޮ ނުކޮށްލެވުނު ސަރުކާރެއް ކަމަށެވެ.