ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ވަގުތީ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.

ރާއްޖޭގެ 60ވަނަ މިނިވަން ދުވަހާ ގުޅުވައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުމާލެ، ޖަސްޓިސް ބިލްޑިން އެނެކްސްގައި ގާއިމުކޮށްފައިވާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް މިއަދު ހުޅުވިއިރު، އެ އިމާރާތުގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ހުރިހާ ޑިވިޝަންތަކެއް ހިންގާނެއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ 10 ކޯޓު ރޫމެއް އެ އިމާރާތުގައި ހުރިއިރު، އެ ކޯޓުގެ 11 އިދާރީ ސެކްޝަނެއް ހިންގާނެއެވެ. ހަމައެއާއެކު ޑްރަގް ކޯޓަށް ފަސް ކޯޓު ރޫމެއް އެ އިމާރާތުގައި ވަނީ ހާއްސަކޮށްފައެވެ.

ކޯޓު އިމާރާތް ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިދައާއި ޝަރުއީ ދާއިރާގެ ދިދަ ވަނީ އެ އިމާރާތުގައި ނަގައިފަ އެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަމާއެކު ހުޅުމާލެއަށް އެ ދެ ކޯޓު ބަދަލުކުރެވުމަކީ ޝަރުއީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ އާ މި އިމާރާތަކީ ކުރީ ކޮވިޑު ފެސިލިޓީގެ ގޮތުގައި ބޭނުން ކުރި ހުޅުމާލެ ފޭސް 1، ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ ޖަސްޓިސް ބިލްޑިން އެނެކްސް އިމާރާތެވެ.

އެ އިމާރާތަށް ކޯޓުތައް ބަދަލުކުރަން ނިންމީ، ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ނުކުރެވި، މައްސަލަތައް ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށާއި ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، ހަލާކުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ބޭނުމުގަ އެވެ.

އެ އިމާރާތް ހުޅުވި ރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ ވިދާޅުވީ އާ އިމާރާތާއެކު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތައް ދުވަހެއް ވަންދެން ހައްލު ނުލިބި ދިގުދެމިގެންދިޔަ މައްސަލަތައް ވެސް ނިންމަން އިތުރު ބާރަކަށް ވާނެ ކަމަށެވެ.

މާލޭގައި ހުރި ކްރިމިނަލް ކޯޓުގެ ބާ އިމާރާތް ބޭނުން ކުރަން ރައްކާތެރި ނޫން ކަމަށް ސަރުކާރުން ކަނޑައެޅުމުން، މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް ބަދަލު ކުރަން ޖެހި ބައެއް މައްސަލަތަކުގެ ޝަރީއަތްތައް ދިގުދެމިގެން ވަނީ ގޮސްފަ އެވެ.

ނަމަވެސް މި އާ އިމާރާތާއެކު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޝަރީއަތްތަކުގެ ދުވެލި އަވަސްވެ، ރައްޔިތުންނަށް އަދުލުއިންސާފަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ސަރުކާރުން ވަނީ ބުނެފަ އެވެ.