ހަކުރު ބައްޔަކީ ދިގު މުއްދަތުގައި ލޮލުގެ ފެނުމަށް އަސަރު ކުރުވައި ބައެއް ފަހަރު ލޮލުގެ ފެނުން އެއްކޮށް ނެތިކޮށްލާ ބައްޔެކެވެ ހަށިގަނޑުގައި ހިމެނޭ ހަކުރުގެ މިންވަރު މަތިވުމުން ލޮލުގެ ނާރުތައް ހަލާކު ކޮށްލާއިރު ހަކުރު ބަލި ތަހައްމަލުކުރާ ގިނަ މީހުންނަކީ ލޮލުގެ ފެނުމަށް ވެސް ފަރުވާކުރާ މީހުންނެވެ.
އެހެން ކަމުން ހަކުރު ބައްޔަށް ފަރުވާ ކުރާނަމަ ދިގު މުއްދަތުގައި ލޮލުގެ ފެނުން ސަލާމަތް ކުރަން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ޖެހެ އެވެ.
ހަކުރުގެ މިންވަރު ހިފެހެއްޓުން
ކުރިން ވެސް ދެންނެވި ފަދައިން ހަކުރު ބަލީގައި ލޮލަށް ގެއްލުންވަނީ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު އިންތިހާއަށް މަތިވުމުންނެވެ. އެހެން ކަމުން ތިބާގެ ޖިންސާއި އުމުރާ އެއްގޮތްވާ ގޮތަށް ޑޮކްޓަރުގެ މަޝްވަަރާއާއެކު ވަކި ވަރެއްގައި ހަކުރުގެ މިންވަރު ހިފަހައްޓަން މަސައްކަތް ކުރަންޖެހެ އެވެ.
ކޮލެސްޓްރޯލްއާއި ލޭގެ ޕްރެޝަރަށް ސަމާލުވުން
މި ދެ ކަމަކީ ވެސް ހަކުރު ބަލި ތަހައްމަލުކުރާ މީހުންގެ މެދުގައި އާއްމު ދެ މައްސަލަ އެވެ. މި ދެކަމުން ވެސް ލޮލުގެ ނާރުތަކަށް ގެއްލުންދީ ލޮލުގެ ފެނުން ފުސްކޮށްލަ އެވެ.
ގަވާއިދުން ލޮލުގެ ޓެސްޓުތައް ހެދުން
ހަކުރު ބަލި ހުންނަނަމަ މަދުވެގެން އަހަރަކު އެއްފަހަރު ލޮލުގެ ޓެސްޓުތައް ހަދަންވާނެ އެވެ. މިގޮތުގެ މަތިން ލޮލަށް ލިބިފައިވާ ގެއްލުންތައް ދުރާލާ ދެނެގަނެވި ލޮލުގެ ފެނުން ސަލާމަތްކުރަން މަސައްކަތް ފަށައިގަނެވޭނެ އެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރުން
ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ލޮލުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކާއިރު ހަކުރު ބައްޔާއެކު ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެ ފުރުސަތު އިތުރަށް ފަހިވެގެންދެ އެވެ.
ހަރަކާތްތެރި ދިރިއުޅުމެއް އުޅުން
އާއްމު ދިރިއުޅުމުގައި ހަރަކާތްތެރިވެ އުޅެ ގަވާއިދުން ކަސްރަތު ކުރުމަކީ ވެސް ލޮލުގެ ސިއްހަތަށް ކުރެވިދާނެ މުހިއްމު ކަމެއް ކަމަށް ލޮލުގެ ޑޮކްޓަރުން ބުނެ އެވެ.