ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކުރާ 4،000 ފުލެޓުތަކުގެ މަސައްކަތްތަކެއް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އެއްބަސްވުމުން އުނިކޮށްފައެއް ނުވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން އެފަދައިން ބުނީ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލަށް ރައްދުދީ، ރޭގައި ނެރުނު ބަޔާނެއްގަ އެވެ.

ހަމްދާން މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު އެ ފުލެޓުތަކުގައި ކުރެވެމުން ދަނީ ޞާލިހުގެ ސަރުކާރުގައި ނުކުރަން ނިންމި މަސައްކަތްތައް ކަމަށާއި ހުރިހާ ފުލެޓެއްގެ މަސައްކަތް މިހާރު ނިމުމާ ގާތްވެފައިވާ ކަމަށެވެ.

އެ ފުލެޓުތަކަށް ކުރީ ސަރުކާރުގައި ކަރަންޓާއި ފެނާއި އިންޓަނެޓު ލިބޭ ގޮތް ރާވާފައި ނެތް ކަމަށާއި އެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށް ދާކަމަށް ހަމްދާން ވިދާޅުވެފައިވެއެވެ.

އެ ޕޯސްޓަށް ރައްދުދިނުމަށް އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި ބުނީ ހުރިހާ ފުލެޓުތަކުގައި ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތަކާއި ފޯނު ލައިނާއި ޓީވީ ކޭބަލާއި އިންޓަނެޓް ކޭބަލް ގުޅުމާ އެއްކޮށް ޒަމާނީ ފެންވަރަށް އޭރު ފަރުމާކޮށްފައިވާނެ ކަމަށެވެ.

ސަލަމާތީ ގޮތުން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ވެސް ފުރިހަމަކޮށްފައިވާނެ ކަމަށާއި އެ ޚިދުމަތްތަކަކީ ކޮންޓްރެކްޓަރުން ފުލެޓުތައް ނިންމަމުންދާ ވަރަކަށް ސަރުކާރާއި އެފްޑީސީން ގާއިމުރަން ޖެހޭ ޚިދުމަތްތަކެއް ކަމަށް އެ ޕާޓީން ބުންޏެވެ.

އެ މަސައްކަތްތައް މި ސަރުކާރަށް ނުކުރެވި، ލަސްވަމުންދާ ކަމުގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލުގައި އެޅުވުމަށްޓަކައި، މިހާރު އެ ފުލެޓުތަކުގައި ކުރަނީ ކުރީ ސަރުކާރުން އުނިކުރި މަސައްކަތްތައް ކަމަށް މީޑިއާގައި ހާމަކުރަމުންދާކަން އެމްޑީޕީން ފާހަގަކުރިއެވެ.

އެ ޕާޓީން ބުނި ގޮތުގައި، އިމާރާތުގެ ނަން ބޯޑުތަކާއި ސީސީޓީވީ ނެޓުވޯކާއި އެކްޓާނަލް ގޭޓްސްއާއި ލޭޑްސްކޭޕިން ފަދަ ކަންކަން ފުލެޓުތައް އިމާރާތްކުރާ ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުމުގައި ނުހިމެނޭނެއެވެ.

އެ ކަންކަން ނިންމައި، ފުރިހަމަކުރަން ޖެހެނީ ފުލެޓުތަކުގެ މަސައްކަތް ނިމޭވަރަކުން އެފްޑީސީން ކަމަށް ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ، ފުލެޓުތަކުގައި މީހުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އަވަހަށް ގާއިމުކޮށް ނުމަށް ގޮވާލާފައެވެ. އަދި، އެމްޑީޕީ ސަރުކާރުން ރޭވި ގޮތަށް މި ސަރުކާރަށް މަސައްކަތް ކުރެވުނު ނަމަވެސް މިއަހަރުގެ މިހާހިސާބަށް ފުލެޓުތަކުގެ ބޮޑުބައި ހުންނާނީ ނިމިފައި ކަމަށް އެޕާޓީން ދެކެއެވެ.

އެ ފުލެޓުތައް މިހާރު ހަވާލުކުރަން އުޅޭއިރު، ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަންއިން ޖަމިއްޔާއިން ވަނީ މި ސަރުކާރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓާއި، ރާއްޖޭގެ އެހެން ސޯޝަލް ހައުސިން ޔުނިޓަކުގެ ކުލި ކުޑަކުރި ގޮތަށް، އެފްޑީސީގެ 4،000 ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް ގޮވާލައިފައެވެ.

އެ ޖަމިއްޔާއިން ވަނީ އެ ފުލެޓުތަކުގެ ކުލި ލަސްވުމުން ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކޮންމެ މަހެއްގެ 10ވަނަ ދުވަހުގެ ފަހުން ކުލި ދައްކާނަމަ 7،000 ރުފިޔާ ދައްކާ ދެ ކޮޓަރީީގެ އެޕާޓްމަންޓަކަށް 100 ޕަސެންޓަށްވުރެ ބޮޑު ޖޫރިމަނާއަކާއެކު 15،000 ރުފިޔާ އަދި، 9،000 ރުފިޔާ ދައްކާ ތިން ކޮޓަރީގެ އެޕާޓްމަންތަކަށް 170 ޕަސެންޓު ޖޫރިމަނާއާއެކު 25،000 ރުފިޔާ ދައްކަން ޖެހޭކަމަށް އެފްޑީސީ އެގްރީމަންޓުގައި ހިމަނާފައިވާކަމަށް، މައުލޫމާތު ލިބިފައިވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.