ސަރުކާރުން އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައިން ހިލޭ އައިނު ހައްދަން 1،267 މީހުން ކިއުގައި އެބަތިބި ކަމަށާއި، މިހާތަނަށް ދޫކޮށްފައިވަނީ 131 އައިނު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މީޑިއާއިން ކުރި ސުވާލަށް ޖަވާބުދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދުވާލަކު 20 އައިނާއި 30 އައިނާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރާ ކަމަށާއި މިހާތަނަށް ފިހާރަ ހުޅުވި ފަހުން 131 އައިނު ދޫކޮށްފައިވާކަމަށެވެ.
އެވަރެޖްކޮށް ދުވާލަކު 45 މީހުންގެ ޗެކަޕް ހެދޭ ކަމަށާއި، އިއްޔެ މެންދުރުފަހުގެ ނިޔަލަށް 1،267 މީހަކު އައިނު ހެއްދުމަށް އެދިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗްގައި އުފެއްދި "އެމްސީޖީއެޗް އޮޕްޓިކަލްސް" ހުޅުވިފުރަތަމަ ތިންދުވަހުގެ ތެރޭގައި ވެސް 361 މީހަކު އައިނު ހައްދަން އެދި ނަން ނޯޓުކުރިއިރު، ނަންބަރު ދޫކުރަން ފެށި ފުރަތަމަ ދުވަހު 80 މީހުން ވަނީ އައިނު ހައްދަން އެދިފަ އެވެ.
އައިނު ފިހާރައިގެ އިތުރުން ސަރުކާރުން ވަނީ އައިނު ހެއްދުމަށް ހިނގާ ހަރަދަށް އާސަންދައިން މީގެ ކުރިން ދެމުން އައި 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކޮށްދީފަ އެވެ.