ސިޔާސީ މައިދާނުގައި ނުވެއްޓޭ ފޯމިއުލާ އެމްޑީޕީއަށް ނުހޯދެނީ ވެރިކަމާއި ބާރު ލިބުމުން ދެން ތިބިހާ އެންމެންގެ ގައިގައި "ކޮޅުފައިން ޖަހާ" ތީ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑެތި ރަށްތަކުން ލިބުނު ނާކާމިޔާބާ ބެހޭ ގޮތުން ބައެއް މީޑިއާތަކުގައި ވާހަކަ ދައްކަވަމުން އެމްޑީޕީއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ އެމްޑީޕީއަށް ނާކާމިޔާބާ ކުރިމަތިވީ ކާމިޔާބު ލިބުނީމާ އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް އެއް ފަރާތަށް އެއްލައިލާތީ ކަމަށެވެ. އެގޮތުން އޭނާގެ އަނބިކަބަލުންނަށް ވަޒީރުކަން ނުދީ އެއްފަރާތް ކޮށްލިކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ ވެއްޓުނީމާ ދެތުވެ، ދުއްވައިގަތުމަށް ބުނެ ވާހަކަ ދައްކުމަކީ މިހާރު ރަނގަޅު ފޯމިއުލާއެއް ނޫން ކަމަށާއި އެކަން އެމްޑީޕީއިން ދޫކޮށްލަން ޖެހޭ ކަމަށެވެ. މިހާރު މަސައްކަތް ކުރަންޖެހޭނީ ނުވެއްޓި ދުވެވޭތޯ ކަމަށާއި އެހެން ނޫނީ ކާމިޔާބީއެއް ނުލިބޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ މާލެ، އެމްޑީޕީގެ އަތުން ބީވެގެން ދިއުމާއި ހުވަދު އަތޮޅާއި އައްޑޫން ބާރު ކެނޑިގެން ދިއުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެފަދަ ވެއްޓުމަކީ ވެއްޔާއި ހިރަފުސް ފޮޅާފައި ދުއްވައި ގަނެވޭ ވަރަށް ވުރެ ބޮޑު އަނިޔާއަކަށް އެމްޑީޕީއަށް ވާނެ ކަމަށެވެ.