ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަނީ ލޯންޑާކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ޝުޖާއުއާ ސުވާލެއް ވެސް ކޮށްނުލާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ ޝުޖާއު އަމިއްލަ ފުޅަށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ދިން އިންޓަވިއުއަކުންނެވެ. އެގޮތުން، މާނީ ލޯންޑަކޮށް، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ކުރެވޭ ތުހުމަތުގައި އެއްވެސް އިދާރާއަކުން މިހާތަނަށް އޭނާއާ ސުވާލެއް ކޮށްފައި ނެތް ކަމަށް ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ނިސްބަޔްވާ ޝުޖާއުގެ މައްސަލަތަކެއް ތަހުގީގު ކުރީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އަދި އޭސީސީން ވެސް މީގެ ކުރިން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގުކުރާކަން ހާމަކުރަން މަޖުބޫރުވީ ވެސް ޝުޖާއުއާ ގުޅޭ އެފްއައިޔޫގެ ރިޕޯޓު ސޯޝަލް މީޑިއާއަށް ލީކުކޮށްލުމާއެކު ފާޑުކިޔުންތައް އަމާޒުވާން ފެށުމުންނެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އަދި އޭސީސީން ބުނި ނަމަވެސް ތަހުގީގު ކުރަން ފެށި ތާރީހެއް އަދި މިހާތަނަށް އެޅި އެއްވެސް ފިޔަވަޅެއް ބުނެފައެއް ނުވެ އެވެ.

ސުޖާއުގެ މައްސަލަ އެމްއެމްއޭ އިން ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.

އެ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި އެމްއޭސީއެލް ވެސް ހިމެނެ އެވެ. ބެލެވޭ ގޮތުގައި މިއީ ތަފާތު އިވެންޓްތައް ބޭއްވުމަށް އިވެންޓް މެނޭޖަރެއްގެ ގޮތުގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ އެވެ. އޮފިޝަލް އިވެންޓްސްއަކީ ރާއްޖޭގައި އިވެންޓް މެނޭޖު ކުރުމުގެ ހިދުމަތް ދޭ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

މި މުއަމަލާތްތަކަށް އެ ފައިސާ އެކި ގޮތްގޮތަށް ދައުރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެއީ އިތުރަށް ތަހުގީގު ކުރަން އެ ރިޕޯޓުގައި ލަފާދީފައިވެ އެވެ. މި ރިޕޯޓުގައި ސިވެކްގެ އިސްވެރިންނަށް ވެސް ތުހުމަތުތަކެއް އަމާޒުވާއިރު އެ މައްސަލަތައް ބަލަމުންދާ ކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ.