ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރަކީ އެ ދާއިރާގެ އެންމެ ނުފޫޒުގަދަ "ކަޕޫރު" އާއިލާގެ މެމްބަރެއް ނަމަވެސް އޭނާގެ ޅަފަތުގެ ދައުރަކީ އެހާ އުފާވެރި ދުވަސްތަކެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.

އެގޮތުން އޭނާގެ މައިންބަފައިން ކަމަށްވާ ރިޝީ ކަޕޫރުއާއި ނީތޫ ސިންހްގެ އަރާރުންވުމާއި ޒުވާބުގެ ސަބަބުން ނަފްސާނީ ގެއްލުންތަކެއް ލިބުނު ކަމަށް ވެސް ރަންބީރު ވަނީ މީގެ ކުރިން ބުނެފަ އެވެ.

"އަހަރެންގެ ޅަފަތުގެ ގިނަ ރޭތައް ހޭދަކުރީ މަންމައާއި ބައްޕަ އަރާރުންވެ އެއްޗެހި ހަލާކުކުރާ އަޑު އަހަން ގޭގެ ސިޑިމަތީގައި." ރަންބީރު ބުންޏެވެ.

ރަންބީރު އިތުރަށް ބުނީ އޭނާގެ މައިންބަފައިންގެ ކޯޅުން މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރުމުން އޭނާގެ ސްކޫލުގައި ވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

80ގެ އަހަރުތަކުގައި މަޝްހޫރުވި ރިޝީއާއި ނީތޫއަކީ ގިނަ ދުވަސްތަކެއް ކައިވެނި ކޮށްގެން އުޅުނު ދެ މީހުން ނަމަވެސް އެ މީހުންގެ ކައިވެނީގައި ފަހަކަށް އައިސް ގިނަ މައްސަލަތަކެއް އުޅުނެވެ.

އެ ކައިވެންޏަށް ރަންބީރުގެ އިތުރުން ރިދިމާ ކަޕޫރު ލިބިފައިވާއިރު އެ ދެ މީހުން ވެސް އެމީހުންގެ މައިންބަފައިންގެ ގުޅުމުގެ ވާހަކަ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކަ އެވެ.