އިޒްރޭލުން ހިފާފައިވާ ބިމުގެ ސަރަހައްދު ބޮޑުކުރާނެ ކަމަށް ބުނެ އެގައުމުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް އަރަބި ގައުމުތަކުން ކުށްވެރިކޮށްފި އެވެ.

ނިއުސް ޗެނަލެއްކަމަށްވާ އައި24 އަށް ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ވަނީ "ގްރޭޓާ އިޒްރޭލު" ވިސްނުމަކީ އޭނާއާ ވަރަށް ގާތް ވިސްނުމެއް ކަމަށާއި، އޭނާ އަކީ "ތާރީހީ އަދި ރޫހާނީ" މިޝަނެއްގައި އައިސްހުރި މީހެއް ކަމަށެވެ. އަދި މިހިސާބަށް އައުމަކީ އެތައް ޖީލުތަކެއްގެ އަދި ކުރިއަށް އޮތް ޖީލުތަކުންވެސް އަންނާނެ ޔަހޫދީން ދުށް ހުވަފެނެއް ކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ ސިޔާސީ މައިދާނުގައި ބޭނުންކުރާ "ގްރޭޓާ އިޒްރޭލު" މި ނަމަކީ، އިޒްރޭލުން ވެރިވެގެންފައިވާ ބިންތައް ފުޅާ ކުރުމާ ގުޅޭ ވިސްނުމެވެ. މީގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ ބިން ތަކާއި، ސީރިއާ، މިސްރު އަދި އުރުދުންގެ ބައެއް ބިންތަކެވެ.

މިކަމާ ގުޅިގެން މިއީ އެގައުމުގެ ސިޔާދަތަށް ކުރިކަތިކުރުވި ނުރައްކަލެއް ކަމަށާއި، މިކަމުން ދޭހަވަނީ އެ ސަރަހައްދުގައި އަމާންކަން ގާއިމްކުރަން ނަތަންޔާހޫ ބޭނުންނުވާކަން ކަމަށް މިސްރުން ބުނެފައިވާއިރު، އުރުދުން އިން ވެސް ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފުކަމެއް ކަމަށްބުނެ، ނަތަންޔާހޫގެ މި ވާހަކަތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލާފަ އެވެ.

މީގެ އިތުރުންވެސް، ފަލަސްތީނާއި، ޔަމަނާއި، ގަތަރުގެ އިތުރުން ސައުދީ އަރަބިއާއިން ވެސް ވަނީ ނަތަންޔާހޫގެ މިވާހަކަތައް ކުށްވެރިކޮށް، އެކަމަށް ތާއީދު ނުކުރާކަމަށް ބުނެފަ އެވެ.