އޭޓީއެމް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވަންނަ ފައިސާ އިތުރުވަމުންދާކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދެވުނުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ބ. އަތޮޅުގައި މިހާތަނަށް އޭޓީއެމްގެ ހިދުމަތް ނުދެވި އޮތް 10 ރަށުގައި އޭޓީއެމް ހިދުމަތް ދޭން ފެށި، މުޅި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު އޭޓީއެމް ހިދުމަތް ފަށާފައިވާކަމަށާއި، މިއީ ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާއެކު ' މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް' ނަމުގައި ފެށި ހާއްސަ މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަކުރި ލަނޑުދަނޑިއެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފައިވާކަމަށާއި، 7 އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހިދުމަތް ގާއިމުކޮށް، 5 އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ބާކީ 7 އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް މި މަޝްރޫއު ކާމިޔާބުކަމާއެކީ ނިންމާލުމަކީ އަމާޒެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭޓީއެމް ހިދުމަތް މިހާ ބޭނުންތެރި ހިދުމަތަކަށްވެފައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މި ހިދުމަތް ބޭނުންތެރި ހިދުމަތަކަށް ނުވާންވީ ހިދުމަތެއްކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި ދިވެހި މުޖުތަމައުން ނަގުދު ފައިސާ ބޭނުންކުރުން އެއްކޮށް ހުއްޓާލަންދެން އޭޓީއެމް ހިދުމަތް ނުދީ ތިބެން ޖެހޭ ކަމަށް ވެސް އަޅުގަނޑު ގަބޫލުއް ނުކުރެވޭ. އަޅުގަނޑުމެންގެ ބޭނުންވަނީ ތަފާތުކުރުމެއް ނެތި، މާލެއެކޭ އެއްފަދައިން މި ޚިދުމަތްތައް ހުރިހާ ރަށެއްގައި ވެސް ގާއިމްކުރުން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ޝަރީފް ވިދާޅުވީ، އޭޓީއެމް މަޝްރޫއުގެ ސަބަބުން ބޭންކަށް ވެސް މުހިންމު ފައިދާތަކެއް ލިބެމުންދާ ކަމަށެވެ.

މިގޮތުން މި ހިދުމަތާއެކު ބޭންކުގެ ބްރާންޗްކައުންޓަރުން ހިދުމަތް ހޯދާ ކަސްޓަމަރުން މަދުވަމުންދާކަމަށާއި، މުވައްޒަފުންނަށް ކަސްޓަމަރުންގެ ގާތަށް ގޮސް ބޭންކުގެ އެހެނިހެން ޚިދުމަތުގެ މައުލޫމާތު ދީ ބޭންކިން ނިޒާމަށް މީހުން އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރެވި، އޭޓީއެމް މެދުވެރިކޮށް ބޭންކަށް ވަންނަ ފައިސާ އިތުރުވަމުންދާކަމަށާއި، މިއީ ގިނަ ރައްޔިތުންތަކެއް މާލީ ނިޒާމުގައި ބައިވެރިވަމުންދާ ކަމުގެ ހެއްކެއްކަން ޝަރީފް ފާހަގަކުރެއްވި އެވެ.

މިއާއެކު ޝަރީފް ވަނީ ގަދަ ވިއްސާރައިގައި ކަނޑު ހުރަސްކޮށް އެހެން ރަށަކަށް ދާން ޖެހުމަކީ ނުހަނު ބޮޑު ބުރައެއް ކަމަށާއި، މިކަން ނިމުމަކަށް ގެނެސް މާލީ ކުރިއެރުމުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިކުރުވުމަކީ އަމާޒެއްކަމަށް ވިދާޅުވެފަ އެވެ.

ބީއެމްއެލް އިން ރާއްޖޭގައި އޭޓީއެމް ހިދުމަތް ދޭން ފެށީ 2000 ވަނަ އަހަރު އެވެ. އޭރު މިކަން އިފްތިތާހުކޮށްދެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މާލޭގައި 5 އޭޓީއެމް ބެހެއްޓުމަށްފަހު އަތޮޅު ތެރެއަށް އޭޓީއެމް ހިދުމަތް ދޭން ފެށުނީ އޭގެ 7 އަހަރު ފަހުން 2007 ވަނަ އަހަރު އެވެ.

އެ މަސައްކަތުގެ ދަށުން 19 ރަށެއްގައި އޭޓީއެމް ބެހެއްޓުނުއިރު، 2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމަޔަށް ބީއެމްއެލުން ވަނީ އިތުރު 68 ރަށުގައި އޭޓީއެމް ހިދުމަތް ފަށާ، މިދިޔަ އަހަރު ނިމުނު އިރު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޖުމްލައެކު 96 ރަށެއްގައި އަޅުގަނޑުމެން ދިޔައީ އޭޓީއެމް ހިދުމަތް ދޭން ފަށާފަ އެވެ.