އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް އެ ރަށު އަބްދުއްރަހުމާން އާދަމް، 65، މަރާލިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ރޭ އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އަބްދުއްރަހުމާނު މަރާލި މައްސަލަ ގުޅެނީ ސިހުރު ހަދާކަމުގެ ތުހުމަތުތަކާ ކަން އެނގިއްޖެ އެވެ.

އެ ރަށުން "ހުރިހާ" ވާހަކަދެއްކި މީހަކު ނަން ހާމަނުކުރަން ޝަރުތުކޮށް، މީހަކު ބުނީ އަބދުއްރަހުމާނު މަރާލުން އެންމެ ބޮޑަށް ތުހުމަތު ކުރެވިފައި ވަނީ ސިހުރު ހެދުމާ ކަމަށެވެ.

މިދިޔަ މަހު 13 ގައި އަބްދުއްރަހްމާން މަރުވީ އޭނާއަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.

އއ. މާޅޮހުގައި މަރުވި އަބްދުއްރަހުމާން: އޭނާ މަރުވެފައިވަނީ ބޮލަށް ލިބުނު އަނިތާތަކުން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާކަމަށް ފުލުހުން ވަނީ ބުނެފަ

މި މައްސަލައިގައި ދިގު ތަހުގީގެއް ހިންގުމަށް ފަހު ރޭ ފުލުހުން ހައްޔަރުކުރީ އަހުމަދު ފާރިސް، ފިނިވާގެ، 28 އަހަރު، އަހުމަދު އާޝިދު، ފިޔަ، 28 އަހަރު އަދި މުހައްމަދު ވިސާމް، ލިލީފެހި، 23 އަހަރު އެވެ.

މާޅޮހަށް ނިސްބަތްވާ ތިން ޒުވާނުން އަބްދުއްރަހުމާނު މަރާލީ އޭނާ ސިހުރި ހަދާތަން އެ ޒުވާނުންގެ ލޮލަށް ފެނިގެން ކަމަށް އެ މީހުންނާ ހަވާލާދީ އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

މާޅޮހުން ވާހަކަދެއްކި މީހާ ބުނިގޮތުގައި އަބްދުއްރަހުމާނުގެ މަރާ ގުޅިގެން ހައްޔަރުކުރި ޒުވާނެއް ހިންގާ ފިހާރައެއްގެ ސީސީޓީވީ ކެމެރާއަށް އަބްދުއްރަހުމާނު ސިހުރު ހަދާ މަންޒަރު އަރާފައި ހުއްޓެވެ. އަދި އެ ސީސީޓީވީ ކެމެރާއިން ފެންނަނީ އެ ފިހާރަ ކައިރީގައި ހުރި ގެއަކަށް އަބްދުއްރަހުމާނު ފެން ކިޔަވާފަ އަޅާ ތަން ކަމަށް އޭނާ ބުންޏެވެ.

އެ މީހާ ބުނީ އަބްދުއްރަހުމާނު ސިހުުރު ހަދާ އެ ސީސީޓީވީ ކެމެރާ ފުޓޭޖް ބައެއް މީހުންގެ ފޯނުތަކުގައި އޭރު ހުރި އެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ވީޑިއޯތައް ފޮހެލާފަ ކަމަށް އޭނާ ބުންޏެވެ. އަދި އެ ވީޑިއޯ ހޯދަން ފުލުހުން ވެސް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ފުލުހުންނަށް އެ ވީޑިއޯ ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް އެނގިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.