ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. އުކުޅަހުގައި ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.
އެ ބޭންކުން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.
އެ ބްރާންޗާއި އޭޓީއެމް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އާއި ކެބިނެޓް މިނިސްޓަރުންނާއި ބޭންކުގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު، ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އުކުޅަހަކީ ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު އަދި ހަމަ އެހެންމެ އަރިއަތޮޅު އުތުރުބުރީގެ މުހިންމު އިގްތިސާދީ މަރުކަޒެކެވެ. އަދި އުކުޅަހުގައި ގާއިމްކުރި އާ ބްރާންޗްގެ ޚިދުމަތް ދެމުން ގެންދާނީ ބޭންކުގެ "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމްގެ މުހިންމު މަރުކަޒެއް ކަމަށްވާ އުކުޅަހުގެ މުޖުތަމައަށް އެ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަލަށް ގާއިމްކުރެވުނު ބްރާންޗާއި އޭޓީއެމްގެ ޒަރީއާއިން އުކުޅަހާއި ކައިރި ރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ތަރައްގީއަށް އެހީތެރިވެ، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މާލީ ހައްލުތައް ފަސޭހަކަމާއެކު ލިބިގެންދާނެ،" ޝަރީފު ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 144 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 202 އޭޓީއެމް، އޭޖެންޓް ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.