ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އަކްޝޭ ކުމާރަކީ އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ސިއްހަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ފަންނާނެކެވެ.
އެގޮތުން އޭނާއަކީ ދިރިއުޅުމުގައި ގަވާއިދުން ވަކި އާދަތަކެއް ގެންގުޅެ އެފަދަ އާދަތައް އާއްމުންގެ މެދުގައި ވެސް އަށަގަންނެވުމަށް މަސައްކަތްކުރާ އެކްޓަރެއްވެސްމެ އެވެ.
އަކްޝޭގެ އާދަތަކުގެ ތެރެއިން އޭނާ ރޭގަނޑުގެ ކެއުން ކާ ގަޑިއަކީ ގިނަ ބައެއްގެ ސަމާލުކަމަށް އައި ކަމެކެވެ. މީގެ ކުރިން ދިން އިންޓަވިއުތަކުގައި އަކްޝޭ ވަނީ އިރުއޮއްސި 06:30 ގައި އޭނާ ރޭގަނޑުގެ ކެއުން ކާ ކަމަށް ބުނެފަ އެވެ.
އެންމެ ފަހުން އަކްޝޭ މީޑިއާއަށް ދިން އިންޓަވިއުގައި އޭނާ މިވަނީ އެކަމުގެ ސަބަބު ވެސް ބުނެދީފަ އެވެ. އަކްޝޭ ބުނީ އެއީ ސިއްހީ ސަބަބުތަކަށްޓަކައި އޭނާ ކުރާ ކަމެއް ކަމަށެވެ.
އެގޮތުން އާދަވެގެން ރޭގަނޑުގެ ކެއުން އެހާ އަވަހަށް ކާނަމަ ދިފާއީ ނިޒާމު ވަރުގަދަވެ އާއްމު ބަލިތަކުން ދުރުވާނެ ކަމަށް އަކްޝޭ ބުންޏެވެ.
"ރޭގަނޑުގެ ވަގުތަކީ އަހަރުމެންގެ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް އަރާމު ދޭންޖެހޭ ވަގުތު. މާ ލަހުން ކައިފިނަމަ ބަނޑާއި ގޮހޮރަށް އެ އަރާމެއް ނުލިބޭނެ" އަކްޝޭ ބުންޏެވެ.
އަކްޝޭއަކީ އޭނާގެ ފިލްމުތަކުގައި ހަދަން ޖެހޭ އެކްޝަން ސްޓަންޓްތައް އަމިއްލައަށް ހަދާ ތަރިއަކަށްވާއިރު އެކަމުގެ ފަހަތުގައިވާ ސިއްރަކީ އޭނާގެ ދުޅަހެޔޮ ކަމާއި ސިއްހީ ރަނގަޅު އާދަތައް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.