ގައުމިއްޔަތަށް ނުރައްކާވާ މިންވަރަށް ސަރުކާރުން ކޮރަޕްޝަން ހިންގަމުން އަންނަ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ހިތާބެއްގައި ވިދާޅުވީ ދުރާލައި ރޭވިގެން ކޮރަޕްޝަންގެ އަމަލުތައް ހިންގުން އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ފިޔަވަޅު އަޅާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުރާލައި ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއްނެތި ކުރުމަކީ އާދައިގެ ކަމަކަށް ވެފައިވާކަން ފާހަގަކުރަން. މިފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާތަކުން މިފަދަ ކަންކަމާމެދު އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާކަން ހިތާމައާއެކު ފާހަގަކުރަން،" ސިޔާމް ވިދާޅުވި އެވެ.

ނުފޫޒާއި ބާރުހުރި ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅެމުންދާތަން ނުފެނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް އެމްޑީއޭގެ ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި އަދި ފުދުންތެރި އިގްތިސާދެއް ގާއިމުކުރުމަށް ޓަކައި ހުރިހާ ޒުވާނުން މިއަދު ކަމަރު ބަނދެ، އާ ހިތްވަރަކާއި ފޯރިއާއެކު، ދެމެހެއްޓެނިވި އަޒުމެއްގައި ހިތްވަރާއެކު މަސައްކަތްކުރުމަށް ސިޔާމް ވަނީ ގޮވާލައްވައިފަ އެވެ. އަދި އެއީ ގައުމީ ވާޖިބެއް ކަމުގައި ދެކި، ކޮންމެ ދިވެއްސަކު ވެސް އެ މަތިވެރި މަގުސަދު ހާސިލްކުރުމަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.