ސައްހަ ނޫން ތައުލީމީ ސަނަދުތައް ބޭނުންކޮށްގެން، މުހިއްމު ދާއިރާތަކުން ވަޒީފާ ހޯދައިގެން މީހުން އުޅޭ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.
ވަޒީފާ އާއި މަތީ ތައުލީމު ހޯދުމަށް ސައްހަ ނޫން ތައުލީމީ ސެޓްފިކެޓް ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ފުލުހުން އާދިއްތަ ދުވަހު ވަނީ ބުނެފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި އާއްމުކުރި އެ ބަޔާނާ ގުޅިގެން ފޭސްބުކްގައި ލިޔުއްވަމުން ފިޒާނާ ވިދާޅުވީ އެންމެ ހިތާމަކުރައްވަނީ، އެފަދަ ސަނަދުތަކާ އެކު މުހިއްމު ދާއިރާތަކުގައި މީހުން ވަޒީފާ އަދާކުރާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ސަނަދެއް މިދިޔަ ހަފުތާގައި ވެސް އެމްކިއުއޭއަށް ވަނީ ލިބިފަ އެވެ.
މިފަދަ ފޭކު ސަނަދުތަކަށް މަގު ހުޅުވުނު އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފިޒާނާ ފާހަގަކުރެއްވީ، 2017ގައި އެމްކިއުއޭއިން، ރާއްޖޭގައި ހިންގާ ކޯސްތަކުގެ ސަނަދުގައި ވެލިޑޭޝަން ސްޓޭމްޕް ޖެހުން ހުއްޓާލުމާ ގުޅިގެންނެވެ. އެއާއެކު އެ އިދާރާ އާއި ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާ ކުރުމަށް ފަހު ވަރަށް ނުރަނގަޅު އުސޫލެއް ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްކިއުއޭއިން މިދިޔަ އަހަރު ވަނީ އެ އުސޫލު ހުއްޓުވައިފަ އެވެ. އަދި އެއްވެސް މިނިސްޓްރީއަކުން ވަޒީފާ ދޭން އެމްކިއުއޭގެ ވެލިޑޭސަން ސްޓޭމްޕް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އިއުލާނުކޮށްފައިވާނެ ކަމަށް ފިޒާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްކިއުއޭއިން މިހާރު ވެސް ދަނީ 2017 ވަނަ އަހަރު ކޮށްފައި ހުރި ޕްރޮގްރާމް އޮޑިޓް އަލުން ޗެކްކުރަމުންނެވެ. އަދި އަލުން ޗެކް ކުރާއިރު، ފޯޖުކޮށްފައިވާ ސަނަދެއްގެ މައްޗަށް ކިޔަވާފައި ހުރި ނަމަ އެ ސަނަދެއް ބާތިލް ކުރުމަށް ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވެސް ފިޒާނާ ވިދާޅުވި އެވެ.
މި ގޮތަށް ފެނުނު ސަނަދުތަކެއް، މި އަހަރު ވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ހަގީގަތުގައި ވެސް މިހާރު ވަޒީފާގައި ތިބި މީހުންގެ ސަނަދުތައް އަލުން ވެރިފައި ކުރާވަރުވެއްޖެ ކަމަށް ފިޒާނާ ވިދާޅުވި އެވެ.