ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ފާސްކުރި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ފުލުހުންނަށް އެ ގާނޫނުން ލިބޭ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި ހައްޔަރު ކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ހިމެނެ އެވެ.

އެގޮތުން ކޯޓު އަމުރަކާއި ނުލައި އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.

ގޭންގު ކުށްތައް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އެމީހުންގެ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި އެފަދަ ކުށެއްގައި މީހަކު ހައްޔަރު ކުރާތާ 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ ބައްދަލުކުރުމުގެ ހައްގުން މަހުރޫމު ކުރަން ވެސް ގާނޫނުން ބާރު ލިބެ އެވެ.

"ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ މެއި މަހުގެ 25 ގަ އެވެ.

އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރައްވާތާ ތިން މަސް ދުވަސް ފަހުން، މިއަދެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ އެފަދަ ގުރޫޕެއް ހިންގުމުގެ ކުށް ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން އެފަދަ ކުށެއް ކުރަން އެހީތެރިވާ މީހަކު 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު އެ ބިލުގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ހަތް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން އައު ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވެ އެވެ.

އެފަދަ ގްރޫޕަކަށް ކުޑަކުއްޖަކު ހޯދައިފި ނަމަ އެކަން ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ބިލުގައި ހިމަނާފައިވާ އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައްކުގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މީހުން ޓްރެފިކް ކުރުމާއި ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރި ކުރުމާއި އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން (ކައުންޓަފީޓް ކުރުން) ނުރައްކާތެރި ކުށްކުރުމާއި އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދު ކުރުމުގެ އަދަބު ކަނޑައަޅާފައިވާ އެންމެހާ ކުށްތައް ހިމެނެ އެވެ.

ބިލުގައި ހިމަނާފައިވާ ނުރައްކާތެރި ކުށްތަކުގެ ތެރޭޜގައި މީހަކު މަރާލުމާއި މީހާކާ މެދު ނުރައްކާތެރި މާރާމާރީ ހިންގުމާއި މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުމާއި މީހަކު ކިޑްނެޕް ކުރުމުގެ އިތުރުން މީހަކަށް ބިރު ދެއްކުން ހިމެނެ އެވެ.

މިއަދު އަމަލުކުރަން ފެށި އާ ގާނޫނުގައިވާ ގޮތުން އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށްފަހު، އެފަދަ މީހުންނާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާކަމެކެވެ. އަދި ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދީގެންނުވާނެ ކަމަށް ގާނޫނުގައިވާއިރު، ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ. އަދި ގޭންގްތަކުން ހިންގާ ކުށްތަކާއި ރާވައިގެން ހިންގާ ކުށްތައް ތަހުގީގު ކުރުމުގައި ހާއްސަ ބާރުތަކެއް ވެސް އެ ގާނޫނުން ދީފައިވެ އެވެ.

ނުރައްކާތެރި ކުށްތަކާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި އާއި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެ ނޫން ވެސް ތޫނު އެއްޗެއް ވިއްކުން މަނާކުރުން ފަދަ ކަންކަން އެ ގާނޫނުގައި ހިމަނާފައިވެ އެވެ.

ކުޑަކުދިންނަށް ވަޅި ވިއްކާނަމަ ބޮޑު ޖޫރިމަނާއެއްއެ ގާނޫނުގައިވާ ގޮތުގައި ކުޑަކުދިންނަށް ވަޅި އާއި ކަޓަރު ތިލަ އަދި އެ ނޫން ވެސް ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ވިއްކުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ 20،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރިނަމަ، އެ މީހަކު ވަޒީފާއިން ވަކި ކުރަން ޖެހޭނެ ކަމަށާއި އެފަދަ މީހުންނަށް ވަޒީފާ ދީގެން ނުވާނެ ކަމަށާއި އަދި އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ.

ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ގާނޫނުގައި ބުނެފައިވަނީ ވަކި ސަރަހައްދަކީ އެ މީހުންގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ނުވަތަ ކުރެހުމެއް ބޭނުންކުރުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އޭނާއަކީ ގޭންގު މެންބަރެއް ކަމަށް އެއްބަސްވާ މީހުންނާއި ކުށްކުރާ ގޭންގުތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް އެ ގާނޫނުގައިވެ އެވެ.