ޓޫރިޒަމް މިނިސްޓްރީން އެންގި އެންގުންތަކާއެއްގޮތަަށް ކަންކަން އިސްލާހުކޮށްފައިނުވާތީ ކިހާ މޯލްޑިވްސްގެ ހުއްދަ ބާތިލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ރިސޯޓަކީ ބ. ކިހާދުއްފަރުގައި ހިންގާ ރިސޯޓެކެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ އެ ރަށުގައި ރިސޯޓެއް ތަރައްގީކުރަން ދޫކުރީ އަތަމާ މެރިން އިންޓަނޭޝަނަލްއަށް ކަމަށެވެ. ނަމަވެސް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ތަން ނުހިންގާތީ މިނިސްޓްރީން ވަނީ ކަންކަން އިސްލާހުކުރަން އެތައް ފަހަރެއްގެ މަތިން ފުރުސަތު ދިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކަންކަން ރަނގަޅުކުރުމަށް ފުރުސަތު ދީ ވަގުތީ ލައިސަންސެއް ވެސް އެ މިނިސްޓްރީން ދިން ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 27، އެ މުއްދަތު ހަމަވިއިރު ކަންކަން އިސްލާހުނުކޮށް ރިސޯޓްގައި ފަތުރުވެރިން ބައިތިއްބަމުން އަންނަ ކަމަށެވެ.
"ރިސޯޓު އޮޕަރޭޓިން ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް ވާތީ އާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ކުންފުނި ޖޫރިމަނާކުރެވިފައިވެއެވެ،" އިއުލާނުގައި ބުންޏެވެ.
އެއްބަސްވުމާ ތަކުރާރުކޯށް ހިލާފުވެ ގާނޫނާ ހިލާފަށް ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަޅަމުުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.