ރައްޔިތުންނާއި ނޫސްވެރިން އެދޭ ކަންކަން ފުރިހަމަ ނުވަނީސް އެމްޑީޕީއިން ފަށާ މުޒާހަރާތައް ހުއްޓާ ނުލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ގަރާރުގައި ވަރަށް ސާފުކޮށް ގައުމުގެ ހާލަތު ބަޔާންކޮށްދީފައިވާ ކަމަށާއި ރައްޔިތުން އުޅެމުންދާ ހާލަތާއި، މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އުޅޭ ފަރާތްތަކާއި، ނޫސްވެރިން ހިމެނޭހެން ހުރިހާ ދާއިރާއެއް މިހާރު އޮތް ހާލަތު ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުން އެމްޑީޕީގެ ފަރާތުން އުއްމީދުކުރާ ކަންތައްތަކެއް އޮންނަ ކަމަށާއި، ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަޑު އުފުލާ ބަސްބުނެ އިސްވެ ނުކުންނަ ޕާޓީއަކީ އެމްޑީޕީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު ގައުމުގެ ހާލަތަށް ބަލާއިރު، އެމްޑީޕީން ތެދުވާ ހާލަތަށް އައިސްފި ކަމަށެވެ. އަދި މި ސަރުކާރަށް އެއް އަހަރާއި 10 މަސްވީއިރު ރާއްޖޭގައި ކަންބޮނުވާ އެކަކު ވެސް އަދި ދާއިރާއެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު އަޅުގަނޑުމެން ކުރިމަތީގައި އޮތް އެންމެ ބިރުވެރި އެއްކަމަކީ ނޫސްވެރިކަމާއި އިދިކޮޅަށް ނޫސްވެރިކަން ނައްތާލުމަށްޓަކައި ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލު ކަމަށެވެ. އޭގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މުޅި ނޫސްވެރިކަން ގެނައުން ކަމަށާއި، ވަކިވަކި ނޫސްވެރިންނަށް ބޭނުން ވަގުތެއްގައި ފިޔަވަޅު އެޅުމުގެ ބިރުވެރި ފުރުސަތު ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އިން ފާސްކުރި ގާރާރުގައި އޮތް ގޮތަށް ފަށާ މުޒާހަރާ ކުރިއަށް ގެންދަންވާނީ ރައްޔިތުން އެދޭ އެދުންތަކާއި ނޫސްވެރިންގެ އިތުރުން އެހެނިހެން ދާއިރާތަކުން އެދޭ އެދުންތައް ފުރިހަމަވަން ދެން ކަމަށެވެ. އަދި މެދުނުކެނޑި މުޒާހަރާ ކުރިއަށް ގެންދަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.