ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު މާލީ ބަޔާން ހުށަނާޅާ ވާހަކަ ނޫސްތަކުގައި ލިޔުމުން ކޯފާ އިސްކުރައްވައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލް އަވަސްކުރަން އޭނާ ގޮވާލައްވައިފި އެވެ.

ނިޒާރު މާލީ ބަޔާން ހުށަނާޅާ ކަމަށް ނޫސްތަކުގައި ރިޕޯޓްކުރީ މަޖިލީހުގެ އިދާރާ އިން އެކަން ކަށަވަރުކޮށްދިނުމުންނެވެ.

މަޖިލީހުން ބުނީ މިއަދާ ހަމައަށް މާލީ ބަޔާން ހުށަހެޅީ 88 މެންބަރުން ކަމަށެވެ. އެ ހުރިހާ މެންބަރުންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސަިއޓްގައި ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އޭގެތެރޭގައި މެންބަރު ނިޒާރުގެ މާލީ ބަޔާނެއް ނެތެވެ.

މިކަމާ ކޯފާއިސްކުރައްވައި ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލުއުފެދޭ ކަމަށެވެ.

ނިޒާރު އެފަދައިން ވިދާޅުވިޔަސް މީގެކުރިން ވެސް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރުމުން ނޫސްތަކުން ހަބަރުތައް ގެނެސްދެ އެވެ.

ނިޒާރު މާލީ ބަޔާން ހުށަނޭޅި ވާހަކަ ރިޕޯޓްކުރުމުން އޭނާ ވިދާޅުވީ ނޫސްތަކުގައި އެ ހަބަރު ގެނެސްދިނީ ރައްޔިތުންނަށް އޮޅޭގޮތަށް ކަމަށެވެ. ނަމަވެސް އޮޅޭގޮތަކީ ކޮބައިކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

"މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު އަވަސްކުރަން [އަޅުގަނޑު] ގޮވާލަން. އަދި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މި ބިލް އަވަހަށް ފާސްކުރަން [އަޅުގަނޑު] ގޮވާލަން،" ނިޒާރު ފޭސްބުކުގައި ލިޔުއްވާފައިވެ އެވެ.