ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ގޫގުލްއިން އެތައް މިލިއަން ބައެއްގެ ޕްރައިވެސީއަށް އަރައިގަތުމުގެ ސަބަބުން 425 މިލިއަން ޑޮލަރުގެ ބަދަލު ދޭން ޖެހިއްޖެ އެވެ.

ގޫގްލް ޖޫރިމަނާކުރަން ނިންމި މި ނިންމުން ނިންމީ އެމެރިކާގެ ސަން ފްރެންސިސްކޯގެ ޖޫރީއަކުންނެވެ.

މައްސަލައިގައި ދައުވާ ކުރި ފަރާތްތަކުން ބުނެފައި ވަނީ، ގޫގުލްގެ އެކައުންޓް ސެޓިންގްސްއިން އެޕްލިކޭޝަންތަކުގެ ބޭނުންކުރާ ގޮތް ޓްރެކް ނުކުރުމަށް އިހުތިޔާރު ކުރި ނަމަވެސް، ތިންވަނަ ފަރާތްތަކުގެ އެޕްލިކޭޝަންތަކުން މައުލޫމާތު އެއްކުރުން ކުންފުނިން ހުއްޓާނުލާ ކަމަށެވެ.

މިގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހު ހުށަހެޅުނު މި މައްސަލައިގައި 98 މިލިއަން ގޫގުލް ޔޫޒަރުން ހިމެނެ އެވެ. ގޫގުލްގެ ވެބް އެންޑް އެޕް އެކްޓިވިޓީ ސެޓިންގްސްގައި ދީފައިވާ ޕްރައިވެސީ ކަށަވަރުކަމާ ހިލާފަށް، މޮބައިލް އެޕްލިކޭސަންތަކުގެ ބޭނުންކުރާ ގޮތުގެ މައުލޫމާތު އެއްކޮށް، އެ މައުލޫމާތު ވިއްކާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ގޫގުލްގެ ފަރާތުން ބުނެފައި ވަނީ މި ނިންމުމަކީ ކުންފުނީގެ ޕްރޮޑަކްޓްތައް މަސައްކަތްކުރާ ގޮތް ރަނގަޅަށް ނޭނގި ނިންމާފައިވާ ނިންމުމެއް ކަމަށާއި، މި ނިންމުމާމެދު އިސްތިއުނާފު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރައިވެސީ ޓޫލްސްތަކުން ޔޫޒަރުންނަށް އެމީހުންގެ ޑޭޓާ ކޮންޓްރޯލް ކުރެވޭ. އަދި ޕާސަނަލައިޒޭޝަން ކަނޑާލުމުން އެކަން އަޅުގަނޑުމެން ހުރުމަތްތެރިކޮށް ހިތަން،" ގޫގުލްގެ ސްޕޯކްސްޕާސަން ޖޯސް ކަސްޓަނޭޑާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ގޫގުލްއާ ދެކޮޅަށް ޕްރައިވެސީއާ ގުޅޭ އެތައް މައްސަލައެއް ހުށަހެޅިފައިވެ އެވެ. މިގޮތުން މިއަހަރުގެ މޭ މަހު، ޓެކްސަސް ސްޓޭޓަށް 1.375 ބިލިއަން ޑޮލަރު ދޭން ޖެހުނެވެ.

އެއީ ރައްޔިތުންގެ މޫނުގެ ސިފަތަކާއި އަޑުގެ ރެކޯޑިންތައް އެކަށީގެންވާ ހުއްދައެއް ނެތި އެއްކުރުމާއި، ލޮކޭސަން ޓްރެކިން ކަނޑާލި ނަމަވެސް ޔޫޒަރުންގެ ލޮކޭސަން ޓްރެކް ކުރި ކަމަށް ކުރެވުނު ދައުވާއަކާ ގުޅިގެންނެވެ.