ނައިޖީރިއާގެ އުތުރު މެދު ސަރަހައްދުގައި ހިމެނޭ ނައިޖަރު ސްޓޭޓުގައި 100 އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި ބޯޓެއް ފެތި، މަދުވެގެން 60 މީހުން މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މަލާލޭ ޑިސްޓްރިކްޓްގެ ޓުންގަން ސުލޭ އިން ފުރައިގެން ނައިޖީރިއާގެ ކައިންޖީ ރިޒަވަރގައި ހިމެނޭ ޑުގާ އަށް ދަތުރުކުރަމުން ދަނިކޮށެވެ.
ނައިޖަ ސްޓޭޓް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީ (އެންއެސްއީއެމްއޭ) އިން ގޮތުގައި، މި ހާދިސާ ދިމާވީ ބޯގު ލޯކަލް ގަވަމަންޓް އޭރިއާގެ ގައުސާވާ ކޮމިއުނިޓީ ކައިރީގައި އުޅަނދު ފެންއަޑީގައި އޮތް ގަހެއްގެ ބުޑެއްގައި ޖެހުމުންނެވެ.
"މި ހާދިސާ ދިމާވީ އުޅަނދުގެ ޖާގައަށް ނުކަތާ ވަރަށް ގިނައިން މީހުން އެރުވުމާއި އަޑީގައި ހުރި ގަހެއްގެ ބުޑެއްގައި ޖެހުމުގެ ސަބަބުން،" އެންއެސްއީއެމްއޭ އިން ޑެއިލީ ޓްރަސްޓް އަށް ބުނެފައިވެ އެވެ.
އެންއެސްއީއެމްއޭގެ ޑިރެކްޓަ ޖެނެރަލް އަދި ބޯގު ލޯކަލް ގަވަމަންޓް އޭރިއާގެ ޗެއާ އަބްދުﷲ ބާބާ އަރާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވަމުންދާއިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
ހާދިސާ ހިނގި ވަގުތާ ކައިރިން ސަރަހައްދަށް ޒިޔާރަތްކުރި ޝަގުމީގެ ޑިސްޓްރިކްޓް ވެރިޔާ ސަޢުދު އިނުވާ މުހައްމަދު ވިދާޅުވި ގޮތުގައި އުޅަނދުގައި "100 އަށްވުރެ ގިނަ މީހުން" ތިއްބެވެ. އަދި މިހާތަނަށް 31 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އުޅަނދު ވެސް ނަގައި ސަލާމަތްކުރެވިފައިވާ ކަމަށް އޭނާ ރޮއިޓާސް އަށް ބުނެފައިވެ އެވެ.
މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި މިހާތަނަށް 4 މީހުންގެ ހަށިގަނޑު އިސްލާމީ އުސޫލުން ވަޅުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.