ތައިލޭންޑުގައި ފާއިތުވި ދެ އަހަރު ތެރޭގައި އައްޔަންކުރާ ތިންވަނަ ބޮޑު ވަޒީރު ހަމަޖައްސައިފި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ވެރިޔާ ބަދަލުކޮށް، ތައިލޭންޑުގެ އާ ބޮޑުވަޒީރަކަށް ހަމަޖެއްސީ ވިޔަފާރިވެރިޔާ، އަނޫތިން ޗާންވިރަކުލް އެވެ.

ތައިލޭންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާގެ ދަރިކަނބަލުން ޕެޓޮންގްޓާން ޝިނަވަތުރާ ބޮޑުވަޒީރު ކަމުން ވަކިކުރީ މިދިޔަ އޮގަސްޓް މަހުގެ ފަހު ހަފްތާގަ އެގައުމުގެ ދުސްތޫރީ ކޯޓުންނެވެ. އެކަމަނާ މަގާމުން ވަކިކޮށްފައި ވަނީ ކެމްބޯޑިއާ އާއި ތައިލެންޑްގެ ހަމަނުޖެހުމުގެ ތެރެއިން ސުލޫކީ ހަމަތަކާއި ހިލާފަށް އަމަލު ކުރެއްވި ކަމަށްބުނެ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށް ފަހުގަ އެވެ.

އަނޫތިންއަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ 492 މެންބަރުންގެ ތެރެއިން 247 އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓު ލިބިވަޑައިގެންފަ އެވެ. އެ މަގާމަށް ވަޑައިގަތުމަށް ހޯދަން ޖެހެނީ 247 ވޯޓެވެ. ބޮޑުވަޒީރު އިންތިޚާބުކުރަން ޕާލަމެންޓްގައި ނެގި ވޯޓު އަނޫތިން ކާމިޔާބު ކުރެއްވީ ޕޮޕިއުލިސްޓް ފޫތައި ޕާޓީގެ ކެންޑިޑޭޓް ޗައިކަސިމް ނިތިސިރީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ތަކްސިން ޝިނަވަތުރާ މިދިޔަ ބުރާސްފަތި ދުވަހު ގައުމުން ބޭރަށް ފުރާވަޑައިގަތުމާއި ގުޅިގެން ގައުމު ދޫކުރައްވާ ފިއްލެވީ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ތަކްސިން ވިދާޅުވީ ފުރާވަޑައިގެންނެވީ ބޭސްފަރުވާއަށް ޑުބާއީ އަށް ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހު އޮންނަ އަޑުއެހުމަކަށް އެނބުރި ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެ މައްސަލާގައި އަނެއްކާ ވެސް ތަކްސިން ޖަލަށް ވަޑައިގަންނަވަން ޖެހިދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕެޓޮންގްޓާން ބޮޑުވަޒީރު ކަމަށް އިންތިހާބުވިތާ އެއް އަހަރުތެރޭގައި ދުސްތޫރީ ކޯޓުން މަގާމުން ދުރުކުރުމާއެކު އެކަމަނާ ވެގެންދިޔައީ އެގޮތަށް މަގާމުން ވަކިކުރި ތައިލޭންޑުގެ ފަސް ވަނަ ބޮޑުވަޒީރަށެވެ. ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާ 2006 ވަނަ އަހަރު އަސްކަރީ އިންގިލާބަކުން މަގާމުން ދުރުކުރި އެވެ.