ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ނުއުފުލޭ މިންވަރަށް ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލިފައިވާ ކަމަށް އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ އިދާރާ (އެފްއޭއޯ) އިން ބުނެފި އެވެ.
އެފްއޭއޯ އިންޑެކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު މަހު އިންޑެކްސް ހުރީ 130.1 ޕޮއިންޓުގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.9 އިންސައްތައިގެ އިތުރުވުމެކެވެ. ޖުލައި މަހު މި އިންޑެކްސް ހުރީ 130.0 ޕޮއިންޓުގަ އެވެ.
2023 ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން މިހާތަނަށް އެންމެ މަތީ އަދަދެއް ރެކޯޑުކުރެވިފައި ވަނީ އޮގަސްޓު މަހު އެވެ. ނަމަވެސް، 2022 ވަނަ އަހަރު ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަގުތައް އުފުލުނު މިންވަރާ އަޅާބަލާއިރު މިއީ 18.8 އިންސައްތަ ދަށް އަދަދެކެވެ.
ތަރުކާރީ ތެލުގެ އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު، އޮގަސްޓު މަހު އަގުތައް ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ފެނުނު އެންމެ މަތީ މިންވަރަށް އުފުލިފަ އެވެ. މިގޮތުން 1.4 އިންސައްތައިގެ އިތުރުވުމެއް ވަނީ ފެނިފަ އެވެ. އިންޑޮނޭޝިޔާއިން ބަޔޯޑީސެލް އުފެއްދުމަށް ތަރުކާރީ ތެޔޮ ބޭނުންކުރަން ލާޒިމުކުރުމާ ގުޅިގެން ބައެއް ބާވަތްތަކުގެ ކައްކާ ތެލުގެ އަގު މައްޗަށް ގޮސްފައިވެ އެވެ.
ގޮވާމުގެ ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި މި ބާވަތްތަކުގެ އަގަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. އޮގަސްޓު މަހު ގޮވާމުގެ ބާވަތްތަކުގެ އަގު ވަނީ 0.8 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ ޔޫރަޕިއަން ޔޫނިއަންއާއި ރަޝިޔާގައި މި ބާވަތްތައް ގިނައިން އުފެއްދުމުގެ ސަބަބުންނެވެ.
އެއްގަމު މަހުގެ އަގުތަކަށް 0.6 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވާއިރު، މިއީ އެމެރިކާއާއި ޗައިނާގައި ގެރިމަހަށް އޮންނަ ޑިމާންޑު އިތުރުވުމުގެ ސަބަބުން ކަމަށް ވެ އެވެ. އަދި ޑެއިރީގެ ބާވަތްތަކުގެ ތެރެއިން ބަޓަރު، ޗީޒް އަދި ކިރުފަދަ ބާވަތްތަކުގެ އަގު ވަނީ 1.3 އިންސައްތަ ދަށަށް ގޮސްފަ އެވެ.
ހަކުރުގެ އަގަށް އައި ބަދަލުތަކަށް ބަލާއިރު، ފާއިތުވި ފަސް މަސްދުވަހު އަގު ދަށަށް ދިޔުމަށްފަހު، އޮގަސްޓު މަހު ވަނީ 0.2 އިންސައްތައިގެ ކުޑަ އިތުރުވުމެއް އައިސްފަ އެވެ.