ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު ދިރިއުޅުމަށް ބަދަލުވުމަށް އެންމެންވެސް ކެތްމަދުވެފައި ތިބި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް ވެކްސިން ގެ ދެވަނަ ޑޯޒް ޖެހިތާ ދެ ހަފްތާ ވުމަށް ފަހު ރަށްރަށަށް ދަތުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 28،950 މީހުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ރާއްޖޭގައި މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިނުންނެވެ. ރޯދަ މަސް ފެށުނުއިރު ވެސް އެ ވެކްސިނަށް އޮތް ތަރުހީބު ވަރަށް ކުޑަ އެވެ. ނަމަވެސް މިއަދު އެޗްޕީއޭ އިން ބުނެފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ޑިމާންޑް ބޮޑުވަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.