ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތުހަމަނުވާ ބަޔަކަށް ފްލެޓް ދިން ކަމަށް ތުހުމަތުކޮށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އިތުރު ތިން ބޭފުޅެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އަކްރަމްގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސްޕަވައިޒުންގެ ގޮތުގައި ތިއްބެވި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހްމަދު ވިޝާން ނަސީމާއި އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުޣާން ވަހީދާއި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުރި އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފްގެ މައްޗަށެވެ.
އަކްރަމަކީ ގެދޮރުވެރިން ކޮމިޓީގެ ޗެއާމަނެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ ބޭފުޅުންނަށް ކުރެވޭ ތުހުމަތުތަކަކީ ފްލެޓް ލިބުމަށް ޝަރުތުހަމަނުވާ ފަރާތްތަކެއް ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓްގައި ހިމަނާފައިވުމެވެ.
އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލައާ ގުޅުންހުރި އިތުރު ބައިތައް އެ އޮފީހުގެ ލަފަޔާއެކު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.