ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައިވާ ކަން ޕޯޗުގަލުން ވެސް ހާމަކޮށްފިއެވެ.
މި ކަން އިޢުލާނު ކުރަމުން ޕޯޗުގަލްގެ ހާރިޖީ ވުޒާރާއިން ބުނީ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ސެޕްޓެންބަރު 21ވަނަ ދުވަހު އެ ކަން ރަސްމީކޮށް އިޢުލާނު ކުރުމަށް ނިންމާފައިވާ ކަމުގައެވެ.
ޕޯޗުގަލުން މި ނިންމުން ނިންމާފައި ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމުގެ އެއްވެސް ނިސާނެއް ފެންނަން ނެތް ވަގުތެއްގައި ބައެއް ހުޅަނގުގެ ގައުމުތަކުން ފަލަސްތީނު އިސްރާއީލު މައްސަލައިގައި އެ ގައުމުތަކުން ގެންގުޅެމުން އަންނަ ސިޔާސަތު ބަދަލުކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ ވިލާތުގެ ބައެއް ގައުމުތައް ވެސް ހިމެނެއެވެ.
ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޕޯޗުގަލުން ނިންމާފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ގަތުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ ގަތުލުޢާންމުގައި ސަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށްވުރެ މައްޗަށް އުފުލިފައެވެ.
އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާ ނޫޅެވޭ ވަރުގެ ތުއްތު ކުދިންނެވެ. އަދި، ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.
ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމާ މެދު ވިސްނަމުންދާ ކަން ހުސްވި ހަފުތާގައި ޕޯޗުގަލްގެ ހާރިޖީ ވަޒީރު ޕައުލޯ ރަންހެލް އިޢުލާނު ކުރެއްވިއެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ޕޯޗުގަލުން ނިންމާފައިވާއިރު، އެ ގައުމުގެ އަވައްޓެރި ގައުމެއް ކަމުގައިވާ ސްޕެއިނުން 2024ވަނަ އަހަރުގެ މޭ މަހު ވަނީ އެ ފިޔަވަޅު އަޅާފައެވެ. ސްޕެއިނާ އެކު ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައިވާ ގައުމުތަކުގެ ތެރޭގައި އަޔަލެންޑާއި ނޯވޭ ވެސް ހިމެނެއެވެ.
މީގެ އިތުރުން، އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގެ ތެރެއިން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ވިލާތުގެ ބައެއް ބާރުތަކުން ވެސް ވަނީ ނިންމާފައެވެ.
އޭގެ ތެރޭގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނެއެވެ. އަދި، ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ އޮސްޓްރޭލިޔާއާއި ކެނެޑާ ވެސް ހިމެނެއެވެ. ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ސްވިޑެނާއި ސައިޕްރަސުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައެވެ.