ހުޅަނގު އުތުރު ޕެސިފިކް ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން "ރަގާސާ" ޓައިވާނަށް އަރައި 14 މީހުން މަރުވެ، 124 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ.
މީހުން މަރުވެފައިވަނީ ތޫފާނުގެ ސަބަބުން އެ ގައުމުގެ ފަރުބަދަމަތީ ސަރަހައްދުތަކުގެ ކޯރުތައް ބަނޑުން ޖަހާލައިގެންނެވެ.
މި ހާދިސާގައި މަރުވެ، ގެއްލިފައިވަނީ ގުއަންފޫ ސަރަހައްދަށް ނިސްބަތްވާ މީހުންކަމަށް އެ ގައުމުގެ ރެސްކިއު ޓީމުތަކުން ބުނެ އެވެ. އެ ސަރަހައްދުގެ ގިނަ ބަޔަކު މިހާރު ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފަ އެވެ.
ސުޕާ ތައިފޫން ރަގާސާ ފިލިޕީންސަށް އެރުމަށްފަހު ތައިވާނަށް އެރީ ހޯމަ ދުވަހު އެވެ. މިހާރު ތޫފާން މިސްރާބު ޖަހާފައިވަނީ ޗައިނާގެ ހޮންކޯންގާ ދިމާލަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ރަގާސާގެ ނުރައްކަލުން ސަލާމަތްވުމަށް ޗައިނާއިން ވަނީ ދުރާލައި ފިޔަވަޅު އަޅަން ފަށައިފަ އެވެ. އެ ގޮތުން، ތޫފާނުގެ ސަބަބުން ނެރޭ އެންމެ މަތީ ދަރަޖައިގެ އިންޒާރު ކަމަށްވާ ޓީ-10 ދަރަޖައިގެ އިންޒާރު، އިއްޔެ ހޮންކޮންގަށް ވަނީ ނެރެފަ އެވެ. މިއާއެކު ހޮންކޮންގެ ހުރިހައި ސުކޫލާއި ވިޔަފާރިތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ބައިނަލްއަޤްވާމީ ވައިގެބަނދަރާއި، ހުރިހާތަނެއް ބަންދުކުރުމަށް ޗައިނާ ސަރުކާރުން ވަނީ އަންގާފަ އެވެ.
ތޫފާނުގެ ވައިގެ ބާރުމިން މިހާރު ގަޑިއަކު 220 ކިލޯމީޓަރަށް ވަނީ އަރާފަ އެވެ. މިއާއެކު ރަގާސާގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ހުރިހާ ސަރަހައްދުތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ދަނީ ގެންދަމުންނެވެ.