ބޭންކް އޮފް މޯލްޑިވްސް އިން ތ. ވިލުފުށީގައި އާ ބްރާންޗެއްގެ ބިންގާ އަޅައި، މުޅި އަތޮޅަށް ދެމުންދާ ބޭންކުގެ ހިދުމަތްތައް ފުޅާކޮށްފި އެވެ.
މި އާ ބްރާންޗުން ވިލުފުށީގެ ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ބޭންކިން ޚިދުމަތްތަކަށް ވާސިލުވެވޭނެ އެވެ.
މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ބޭންކުން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ވަނީ ވިލުފުށީގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތްވެސް ފަށައިފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކޮށް، ބޭންކުގެ ހިދުމަތްތަ ކަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވިލުފުށީގައި އާ ބްރާންޗެއްގެ ބިންގާ އެޅުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް ކަމަށެވެ.
"މި އާ ބްރާންޗާއި މިއަދު ގާއިމްކުރެވުނު އޭޓީއެމް ޚިދުމަތާއެކު ފުރިހަމަ ޚިދުމަތެއް މި މުޖުތަމައަށް ގެނެސްދެވިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 173 ސެލްފްސާވިސް ބޭންކިން ސެންޓަރު، 231 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.