ޑާކާ (އޮކްޓޯބަރު 13) - ބަންގްލަދޭޝްގައި ޓައިފޮއިޑްގެ ނުރައްކާ އިތުރުވަމުން ދާތީ، 50 މިލިއަނަށް ވުރެ ގިނަ ކުޑަކުދިން އެ ނުރައްކާތެރި ބަލިން ސަލާމަތްކުރުމަށް ގައުމީ ފެންވަރުގައި ޓައިފޮއިޑް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށައިފި އެވެ.
އެއް މަސްދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދާ މި ކެމްޕޭނުގެ ދަށުން 9 މަހާއި 15 އަހަރާ ދެމެދުގެ 50 މިލިއަން ކުދިންނަށް ޓައިފޮއިޑް ކޮންޖުގޭޓް ވެކްސިން (ޓީސީވީ) ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ދުނިޔޭގެ ސިއްހީ ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ފާސްކޮށްފައިވާ މި ވެކްސިނުން 5 އަހަރުގެ ރައްކާތެރިކަން ލިބޭނެ އެވެ. އަދި ސަރުކާރުގެ އީޕީއައި ޕްރޮގްރާމްގެ ދަށުން މި ވެކްސިން ހިލޭ ދެވޭނެ އެވެ.
ދެކުނު އޭޝިއާގައި އުފައްދާ ގިނަ ބޭސްތަކަށް ވެސް ފަރުވާ ނުލިބޭ ޓައިފޮއިޑް ބަލީގެ ބާވަތްތައް އިތުރުވަމުންދާތީ މި ކެމްޕޭން ފެށީ ކަމަށް އެ ގައުމުން ބުނެ އެވެ.
ބަންގްލަދޭޝްގެ ސިއްހީ އެހީތެރިން ސްކޫލްތަކާއި، ކޮމިއުނިޓީ ކްލިނިކްތަކާއި، ގޭގެއަށް ޒިޔާރަތްކޮށްގެން މި ވެކްސިން ދެމުންދާއިރު، އެންމެ ބޮޑު ހާއްސަ ކަމެއް ދެވެނީ ފަގީރު އާބާދީތަކަށާއި އެކަހެރި ހިސާބުތަކަށެވެ. ނޮވެމްބަރު 13 އާ ހަމައަށް ދެމިގެންދާ މި ކެމްޕޭނަށް ފަހު، ޓީސީވީ ބަންގްލަދޭޝްގެ އާންމު ވެކްސިން ޕްރޮގްރާމްގައި ހިމެނޭނެ އެވެ.
ޓައިފޮއިޑްއަކީ ސަލްމޮނެލާ ޓައިފީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. ނުސާފު ކާނާއާއި ފެނުން މި ބަލި ފެތުރެ އެވެ. މި ބަލި ޖެހުމުން ހުން އައިސް، ގައި ބާރުދެރަވެ، ބަނޑުގައި ރިހުމާއި މޭމަތީގައި ރަތް ފިއްގަނޑު ކަހަލަ ފާހަގަތައް ފެނެ އެވެ. މި ބައްޔަށް ފަރުވާ ނުކޮށްފިނަމަ، ބަނޑުގެ އެތެރެއާއި ސިކުނޑިއަށް ގެއްލުން ލިބި މަރުވުމަށް މަގުފަހިވެދާނެ އެވެ.
ބަނގްލަދޭޝްގެ ދިރާސާތަކުން ދައްކާގޮތުގައި ސެފްޓްރިއެކްސޯންއަށް ނުގުޑާ ބެކްޓީރިއާ ވެސް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ބަންގަލަދޭޝްގެ ސިއްހީ އިދާރާތަކުން ބުނެ އެވެ. ސަބަބަކީ މިހާރު ޓައިފޮއިޑްއަށް ފަރުވާ ދިނުމަށް ބޭނުންކުރެވޭ މަދު ބޭސްތަކުގެ ތެރޭގައި ސެފްޓްރިއެކްސޯން ހިމެނޭތީ އެވެ.
ގަވީ އެލަޔަންސްގެ އެހީތެރިކަމާއެކު ހިންގޭ މި ކެމްޕޭނުން ޓައިފޮއިޑްގެ ފެތުރުން މަދުކޮށް، ބޭހަށް ނުގުޑާ ބެކްޓީރިއާ އިތުރުވުން ލަސްކުރެވޭނެ ކަމަށް ސިއްހީ މާހިރުން އުންމީދުކުރެ އެވެ.
މި ވެކްސިން ކެމްޕޭން ފަށަމުން ސިއްހީ ލަފާދޭ މާހިރެއް ކަމަށްވާ ނޫރުޖަހާން ބޭގަމް ވިދާޅުވީ، މިހާރު ވެސް ބަންގްލަދޭޝްގައި ކުދިން ޓައިފޮއިޑްއަށް މަރުވަމުންދާކަމީ ވަރަށް ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ. -- ރޮއިޓާސް