ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ފަހަކަށް އައިސް ރައީސް މުއިއްޒު މާލޭގައި އޮފީހުގެ މަސައްކަތްތަކަށް ވުރެ ގިނަ ވަގުތު ހޭދަކުރައްވަނީ އަތޮޅު ތެރޭގެ ރަށަށަށް ވަޑައިގެން ކުދިކުދި މަޝްރޫއުތައް އިފްތިހާހުކޮށްދެއްވުމުގަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި އުޅުއްވީ އދ. އަތޮޅުގެ ރަށްތަކަކަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ މި ފަހަރުގެ ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް ވަޑައގަންނަވަ އެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫ އަށް ރައީސް އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.