އަންނަ އަހަރުގެ އޭޕްރިލް މަހަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ސުކޫކު ދެއްކުމާމެދު މި ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ށ. ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ، މި ސަރުކާރުން އިގުތިސާދު ރަނގަޅު ކުރަމުން އަންނަ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ ގައުމުގެ ރައްޔިތުންނަށްޓަކައި ކަމަށެވެ.

އެގޮތުން، ދައްކަން ހުރި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ދައްކަމުން އަންނަ ކަމަށާއި ބައެއް ގައުމުތަކާ މަޝްވަރާކޮށްގެން، އެ ގައުމުތަކަށް ދައްކަން އޮތް ދަރަނިތަކަށް ލުއިތައް ހޯދަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް އިޝާރާތް ކުރެއްވީ، އިންޑިއާއާއި ޗައިނާއަށް ދައްކަން އޮތް ލޯނުތަކަށް އެ ދެ ގައުމުން މި އަހަރު ތެރޭ ލުއި ދިނުމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން އަންނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކަން އޮތްއިރު، އެ ސުކޫކު ދެއްކުމަށް ރާވައިގެން ކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަކަމާ އެކީ ކާމިޔާބުވަމުން އަންނަ ކަމަށެވެ.

"މި ސަރުކާރަކަށް އެއްވެސް ކަންބޮޑުވުމެއް ނެތް މި އަންނަ އަހަރުގެ ސުކޫކު ޕޭމަންޓް ކަންތަކުގައެއް. އެހެންވީމަ މި ހުރިހާ ކަންތައްތައް ވެސް މި ކުރިއަށް ގެންދަނީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ތަރައްގީ ހާސިލުކޮށްދިނުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

މިމަހު ދެވަނަ ދުވަހު އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ހަލާސްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހޯމަ ދުވަހުގެ ރޭ ރައީސް ވަނީ އެ ވާހަކައަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން، ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި ދިވެހި އެކި ކުންފުނިތަކަށް އިދާރާތަކުން ކުރުވާފައި ހުރި ހުރިހާ މަސައްކަތްތަކުގެ ބިލުތަކަށް ފައިސާ ދީ ނިންމާނެ ކަމަށް ރައީސް ތަކުރާރުކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރިޒާވުގެ ހާލަތު ހުރީ ރަނގަޅުކޮށް ކަމަށާއި ހުރިހާ ކަމެއް ރަނގަޅަށް ގެންދަމުން، ތަރައްގީގެ ކަންކަން ހާސިލުކޮށްދެމުން ކުރިއަށް ދިޔުމަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ރާއްޖެ ޑިފޯލްޓުނުވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖެއަށް ވަނީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެފަ އެވެ. އެގޮތުން، މި އަހަރު ވެސް 500 މިލިއަނެއްހާ ޑޮލަރު ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ދަރަނި ނުދެއްކިދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ސަރުކާރުން ތަކުރާރުކޮށް އަންނަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނަމުންނެވެ.