ސިނގިރޭޓުން ނަގާ ޑިއުޓީ އިންތިހާއަށް އުފުލުމުން، ވަގު ވިޔަފާރި އިތުރުވާނެ ކަމަށާއި އެއީ އެހެން ގައުމުތަކުގެ ތަޖުރިބާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އެގޮތުން، 13 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގެންފައި ހުއްޓާ އެ ތަކެތި ވަގަށް ނެގި މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލައިގައި ރޭ ފުލުހުން ވަނީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ.

ވަގު ސިނގިރޭޓުގެ ވިޔަފާރީގެ ބޮޑު ނެޓުވޯކެއް އުފެދި އެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވަނިކޮށް އެކްސްގައި ނަޝީދު ބޭނުންކުރައްވާ ނުރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމްޕޯޓު ޑިއުޓީ މަތި ކުރުމުން ސްމަގްލިން އިތުރުވާކަމީ ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާއިން ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި 13 މިލިއަން ސިނގިރޭޓު ދެ ކޮންޓެއިނަރުގެ މައްސަލަ ފެންމަތިވެ އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.

އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެޓު ކުރީ އެ އޮފީހުން ކަމަށެވެ.

ސިނގިރޭޓުތައް ވަގަށް ނެގީ ބަނދަރުގެ ކެމެރާތައް ނިއްވާލުމަށްފަހު ކަމަށް އެނގިފައިވެ އެވެ. އަދި ނިއްވައިނުލެވި ހުރި ބައެއް ކެމެރާތަކުގެ ފުޓޭޖު ޑިލީޓުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ވަގު ސިނގިރޭޓުގެ ކަޅު ނެޓްވޯކެއް އުފެދުނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނަށް ގެނައި ބަދަލާއެކު އެވެ. އެ ބަދަލުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި ފެނުނީ އެ ހަގީގަތާ ދުރު މަންޒަރެކެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ ރާއްޖެ އެތެރެކޮށް މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލިފަ އެވެ. ގެއްލުނު ސިނގިރޭޓުތަކަށް އިމްޕޯޓު ޑިއުޓީ އާއި ރެވެނިއު ސްޓޭމްޕުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުވެގެން 60 މިލިއަން ރުފިޔާއަށް އަރަ އެވެ.

އަތުލައިގަންނަ ވަގު ސިނގިރޭޓުގެ އަދަދު އިތުރުވި ނަމަވެސް ރާއްޖޭގެ ބާޒާރުގައި އަދިވެސް ވަގު ސިނގިރޭޓު މަރުކާތައް ދަނީ ރަސްކަން ކުރަމުންނެވެ.