ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލި މައްސަލައިގައި ފާތުމަތު ހަނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުންތައް ނިންމާލައި އެ މައްސަލައިގައި ހުކުމަކާ ހަމައަށް ވާސިލްވިއިރު ނަޖީބު މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް ހަނާ އިންކާރުކޮށްފި އެވެ.
ދައުލަތުން ހަނާގެ މައްޗަށް ކުރާ ދައުވާގައި ބުނާ ގޮތުން، ނަޖީބު މަރާލުމުގެ ކުރިން އޭނާ ބަނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކީ ހަނާ އެވެ. އަދި ނަޖީބް މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ފޮރުވުމުގައި ހަނާ ވަނީ މަސައްކަތްކޮށްފަ އެވެ.
ޖުލައި 2012 ގައި މ. މަސްރޫރާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ނަޖީބު ބަނދެފައި ބޭންދުމަށް ފަހު އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ށ. ގޮއިދޫ ރިހާބް، ހަނާގެ އިތުރުން އޭނާގެ ލޯބިވެރިޔާ މ. މަސްރޫރާ، އަހުމަދު މުއްރަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
މިއަދު ސްޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ހަނާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުން ވަނީ ދެއްވައިފަ އެވެ.
އެ ފުރުސަތުގައި ހަނާ ވަނީ މީގެ ކުރިން ވެސް ދައްކާފައިވާ ބައެއް ވާހަކަތައް ތަކުރާރުކޮށް ފައެވެ. އެ ގޮތުން އެ ރޭގައި ނަޖީބުގެ އަމަލުތައް ހުރީ ރަނގަޅަށް ނޫން ކަމާއި ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމާއި، ހަނާގެ ހަށިގަނޑުގައި ބީހެން މަސައްކަތް ކުރުން ފަދަ ތުހުމަތުތައް މިއަދު ވެސް ކުރި އެވެ.
އިތުރުން ހަނާ ބުނީ ނަޖީބުގެ އަމަލުތައް އެ ގޮތަށް ހުރުމުން މުއްރަތު ކައިރިއަށް ރުޅި އައިސްގެން ނަޖީބުގެ ކަރު ކައިރީ ވަޅި ބެހެއްޓި ކަމަށެވެ. އެ ގޮތަށް ވަޅި ބެހެއްޓުމަށް ފަހު ނަޖީބުގެ އަނގަމަތީ ޓޭޕް އެޅުމަށާއި ބަނދެފައި ބޭންދުމަށް މުއްރަތު އެންގި ކަމަށް ހަނާ ބުންޏެވެ. ހަނާ ބުނި ގޮތުގައި އޭރު އޭނާ ހާސްވެފައި ހުރި ވަރު ބޮޑު ކަމުން ކުރަންވީ ކަމެއް ނުވިސްނި މުއްރަތު ބުނި ގޮތަށް ކަންކަން ކުރި ކަމަށެވެ.
ނަޖީބު ގައިގައި ޓޭޕު އެޅުމަށްފަހު އޭނާ ފޭރުނު ކަމަށް ހަނާ ވަނީ އެއްބަސްވެފަ އެވެ. އަދި އެ ފައިސާއިން މުއްރަތުއާ އެކު ބައެއް ތަކެތި ވަނީ ގަނެފަ އެވެ. އެ ގޮތުން ބައެއް ކާތަކެތީގެ އިތުރުން މަސްތުވާތަކެތި ގަތް ކަމަށް ހަނާ ބުންޏެވެ. އަދި އެ ރޭ ރާ ބޮއެ މަސްތު ވެގެން ދިޔައީ ކަމަށް ބުންޏެވެ. އޭނާއަށް ހޭލެވުނު އިރު ވެސް ނަޖީބު މަރުވެފައި އޮތް ކަމަށާއި އޭރު މުއްރަތު އަތުން ނަޖީބް މަރުވީ ކަމަށް ބުނަމުން ދިޔަ ކަމަށް ހަނާ ވަނީ ކޯޓަށް ކިޔައިދީފަ އެވެ.
އެހެންވެ ހަނާގެ ފަރާތުން ބުނަމުން ދިޔައީ ނަޖީބު މަރުވީ ނަޖީބުގެ ކަރަށް މުއްރަތު ވަޅިން ހަމަލާ ދިނުމުން ކަމަށާއި އެއީ ހަނާ ކުރި އަމަލަކަށް ނުވާތީ ހަނާ އަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ.
ނަމަވެސް މީގެ ކުރިން ދައުލަތަކާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގައި ހަނާ ބުނެފައިވަނީ، އޭނާ އާއި މުއްރަތު ވެގެން ނަޖީބު ފޭރެން ރޭވި ކަމަށެވެ. އަދި ނަޖީބު ފޭރެން ވެގެން އޮޅުވާލައިގެން މުއްރަތު ދިރިއުޅޭ ގެއަށް ގެނެސް އޭނާ އަތާއި ފައި އަދި މޫނު މަތީގައި ޓޭޕު އެޅުމަށްފަހު އެގޮތަށް ބެހެއްޓީ ކަމަށެވެ.
އިއުތިރާފުގެ އެއްބަސްވުމުގައި ހަނާ އިތުރަށް ބުނެފައިވަނީ ނަޖީބް އަކީ ވަކީލަކަށްވުމުން، އޭނާ ފޭރުމުގެ މައްސަލަ ފުލުހަށާއި އެހެން ތަންތަނަށް ހުށަހަޅާނެތީ ބިރުން ނަޖީބު މަރާލީ ކަމަށެވެ.