މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި މުޒާހަރާ އިން ހައްޔަރުކުރުމުން ލިބުނީ އިތުރު ހިތްވަރެއް ކަމަށާއި މާ ގަދަކޮށް ނޮވެމްބަރު 17 ގައި ބާއްވާ މުޒާހަރާގައި ބައިވެރިވާނެ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފަނަރަ ދުވަހު ޖަލުގައި ބޭއްވުމަށްފަހު މިއަދު ބަންދުން ދޫކޮށްލުމުން މީޑިއާއާ ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ މުޒާހަރާ އިން ހައްޔަރުކޮށް ޖަލަށްލީ ހަ މީހުންނާއި އެ މީހުންގެ އާއިލާތަކުން ނޮވެމްބަރު 17 ގައި ބާއްވާ މުޒާހަރާގައި ބައިވެރިވާނެ ކަމަށެވެ.
"އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުން ނޮވެމްބަރު 17 ގައި ބާއްވާ މުޒާހަރާގައި ބައިވެރިވެ މި ވަބާއިން ސަލާމަތްވާން މަސައްކަތްކޮށްދިނުމަށް،" ޔައުގޫބު ވިދާޅުވި އެވެ.
މުޒާހަރާ އިން ހައްޔަރުކުރި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ބޭނުންވަނީ އެމްޑީޕީން މުޒާހަރާ ކުރިޔަނުދޭން ކަމަށެވެ. ނަމަވެސް އެކަން އެހެންނުވާނެ ކަމަށާއި އެމްޑީޕީއަކީ ކޮބައިކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވީ ފުލުހުންނަށް ބިންދާލެވުނީ އޭނާގެ އެންމެ އިގިއްޔެއް ކަމަށާއި އެވަރަކުން އެމްޑީޕީ މައިތިރިނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މަރާވެސް ލެވިދާނެ. އެކަމަކު އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާންނާނެ،" ސަލާހު ވިދާޅުވި އެވެ.
އޭނާ ވެސް ވަނީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ބާއްވާ މުޒާހަރާގައި ބައިވެރިވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
މުޒާހަރާ އިން ހައްޔަރުކޮށް ބަންދުކުރި ހަ މީހުން ވެސް ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
ކަލޭމެން ބިރުންއުޅޭތީ ދޫކޮށްލީ. ދެންކޮންކަމަކާ ތިޔަ ފުއްޕަނީ. ދެން ނުކެރޭނެ ދާކަށްވެސް. އެހާ ހިތްވަރެއް ހުރިނަމަކަ އެންމެންލައްވާ ދޫކޮށްލާށޭކިޔާ އާދޭހެއްނުކުރީސް. ޖަލުގަ ހުންނެވި ޔާމީނު ބަލާބަލަ ނަމޫނާއަކަށް. ނުބުނެެއެއްނު ދޫކޮށްލާކަށް. ސަރުކާރަށް ފެނުނީމާ ދޫކޮށްލީއެއްނު
ރިޕްލައި