ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް އިންޓަނޭޝަނަލް ފެންވަރަށް ލ. ކައްދޫ އެއާޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކުރިއިރު، މަޖިލިސް އިންތިހާބާ ދިމާކޮށް އެ މަސައްކަތް ޗައިނާ ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ.
އެޕްރީލް 11، 2024، ގައި ފޮނަދޫގައި ބޭއްވި ޖަލްސާގައި ކައްދޫ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާ އެވެ.
ސަރުކާރުގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ޗައިނާ ކުންފުންޏާ ހަވާލުކުރި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އިގުތިސާދީ ފުދުންތެރިކަން ގެނައުމަށްޓަކައި ދުރު ރާސްތާއެއްގައި އެކަން ކުރުމަށްޓަކައި ކައްދޫ އެއަރޕޯޓުގެ ބިޔަ މަޝްރޫއެއް ހިންގަން މިޖެހެނީ. އެހެންވީމާ، މި މަޝްރޫއުގައި މިރޭ ސޮއިކުރެވިގެން މިދިޔައީ. އެއާ އެކީގައި، އެ އެއާޕޯޓް މަޝްރޫއާ އެކީގައި، އަޅުގަނޑުމެންގެ ވިސްނުމަކީ، ކައްދޫގެ އެއްބަޔަކީ ޓޫރިޒަމަށްވެސް ހާއްސަކުރެވޭ ތަނަކަށް ހެދުން،" ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ.
އެ އެއްބަސްވުމާއެއްގޮތަށް މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް އޮތުމަށްފަހު ރޭ ވަނީ މަޖިލިސް އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެމްއޭސީއެލްއާ އެ މަސައްކަތް ހަވާލުކޮށްފަ އެވެ.
އެމްއޭސީއެލްއާ މަސައްކަތް ހަވާލުކުރުމަށްފަހު ރޭ ރައީސް މުއިއްޒު ވިދާޅުވީ ތިން އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށެވެ.
"އެއާޕޯޓް ތަރައްގީކުރުމަށް އިންޓަނޭޝަނަލް ފެންވަރުގެ 2،800 މީޓަރު ދިގު ރަންވޭއެއް ހެދިގެންދާ އިންޓަނޭޝަނަލް އެއާޕޯޓެއް. މިހާރު ކައްދޫގެ ހުރި އެމްއެންޑީއެފް މަރުކަޒު އެހެން ތާކަށް ބަދަލުކުރަން ނުޖެހޭގޮތަށް އެއާޕޯޓް ހެދިގެންދާ ގޮތަށް ބިން ހިއްކެނީ. މި އެއާޕޯޓުގެ ބޭނުމަށް މި ތަރައްގީ ބޭނުމަށް 114 ހެކްޓަރު ހިއްކޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފަހަކަށް އައިސް ކައުންސިލް އިންތިހާބާ ދިމާކޮށް އެކި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އަންނަނީ ހަވާލުކުރަމުންނެވެ.