ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރު ވެރިކަމަށް އައިތާ ދެ އަހަރުވީއިރު ރައްޔިތަކަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށާއި މި ވެރިކަމަކީ ބޮޑު މުސީބާތެއް ކަމަށާއި މި ސަރުކާރުގެ ނިމުން ވަރަށް ހިތިވާނޭ ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އެސްއީޒެޑް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މި ސަރުކާރު ގެނެވުމަކީ ހެދުނު ގޯހެއް ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. އަދި މި ވެރިކަމުގައި ރައްޔިތަކަށް އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށާއި މި ވެރިކަމަކީ ރައްޔިތުންނަށް އަނިޔާއަކަށްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްކަމެއް ވެސް ނުވޭ، މުޅިން ވެސް ރައްޔިތުންނަށް ތަކުލީފު އޮތީ، ރައްޔިތުންނަށް އޮތީ އަނިޔާވެރިކަން، މި ސަރުކާރަކީ އަނިޔާއަކަށް ރައްޔިތުންނަށް ވެއްޖެ މިހާރު، މިކަމުން ސަލާމަތް ވާންވެއްޖެ، މިއީ ބޮޑު މުސީބާތެއް ރައްޔިތުންނަށް ޖެހިފައި އޮތް،" ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ކުޑަކުރާނެ ކަމަށް ބުނި ޑޮލަރުގެ އަގު މިވީހައި ދުވަސްވީރު ވެސް ކުޑަ ނުކުރެވުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑުވި ކާބޯތަކެތީގެ އަގު ވެސް ހެޔޮނުވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެކަމަށް ހައްލު ނުހޯދި އުޅެނިކޮށް، ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރީމާ މާދަމާ ޑޮލަރުގެ އަގު 22 އަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިދާޅުވެބައްލަވާ ތިޔަ ބުނާ ފޮނި ކަނޑާއިރުގައި މި ސަރުކާރު އައިސްގެން ދެ އަހަރުވީއިރުގައި ރައްޔިތަކަށްވީ ފައިދާއެއް، ކޮންމެ ރައްޔިތަކާ ދިމާވިޔަސް ބޯ ކަހަނީ، ބުނީ ތިމަންނާމެންނަށް ހެދުނު ގޯހެކޭ، ތިމަންނާމެންގެ މުޅި އާމްދަނީ ހަލާކުވެއްޖެޔޭ، މި ނޫން ވާހަައެއް ބުނާ ރައްޔިތަކާ މި ގައުމަކުން މިއަދު ދިމައެއް ނުވޭ،" ޣަފޫރު ވިދާޅުވި އެވެ. "މި ބަލާވެރިކަމާއި މުސީބާތް ގެންނާކަށް ނޫން ރައްޔިތުން ސަރުކާރު ބަދަލުކުރީކީ އިއްޒަތްތެރި ރައީސް، ސާފު ދިރިއުޅުމެއް ހޯދަން، ރައްޔިތުންނަށް ތަނަވަސްކަމާއި ތިޔާގިކަން ހޯދަން ސަރުކާރު ބަދަލުކުރީ، އެކަމެއް ނޫން ފެންނަނީކީއެއް."

ގައުމުގައި ފައިސާއެއް ނެތް ކަމަށް ސަރުކާރުން ބުނަމުންދާއިރު، ޑްރޯންތަކެއް ގަތުމަށް 100 މިލިއަނެއްހާ ރުފިޔާ ސަރުކާރުން މިހާރު ވެސް ހަަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ކަންކަން ކުރަނީ ސަރުކާރުގައި ފައިސާ ހުރީމާ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާ ގެއްލިގެން ދަނީ ވައްކަމަށް ކަމަށެވެ. އަދި މި ސަރުކާރު ހިންގާ ޕާޓީން ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ބޭނުން ހިފައިގެން ވެސް ކުރަމުން ދަނީ ވައްކަން ކަމަށް ޣަފޫރު ވިދާޅުވި އެވެ.

މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ ދުންފަތް މަނާކުރުމުގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ވަގު ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވެފައިވާ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމެއް ރައްޔިތުން ގެންނަނީ ފޮނި އުއްމީދުތަކާ އެކުގައި ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް ކަން ކުރަމުންދާ ނަމަ ނިމުން ހިތިވާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.