ސ. ހުޅުދޫ އާއި މީދޫގެ އިތުރުން ފޭދޫ ވަކިކޮށް އައްޑޫ ސިޓީ ބައިބައި ކުރަން ބާއްވާ އިންތިހާބަށް ތަރުހީބު ވަރަށް ދަށްވެއްޖެ އެވެ.

އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލުން ކުރިއަށް ދާނީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ވަނީ ބަހައްޓާފަ އެވެ.

ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓުގައި ކުރާ ސުވާލަކީ އެ ދެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯއެވެ. އަދި ފޭދޫ ރައްޔިތުންނާ ކުރާ ސުވާލަކީ ފޭދޫގައި ވެސް ވަކި ކައުންސިލެއް ގާއިމްކުރަން ފެނޭތޯ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިއަދު އެކެއްޖެހުމާ ހަމައަށް 2،500 މީހުން ވެސް ވޯޓުލާފައެއްނުވެ އެވެ.

ފޭދޫގެ އާބާދީ އަކީ 5،810 އެވެ. ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ.

ގުރުދަރީ ހާދިސާއެއް ދިމާނުވާނަމަ ވޯޓުލުން ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރުނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.