އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކޮށް، މަސްތުވާތަކެތީގެ ވިޔަފާރިއަށް ވާގިވެރިވަމުންދާ ކަމަށް ތުހުމަތުކޮށް، ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާއާ މީގެ ކުރިން ގާތްގުޅުމެއް އޮތް ކޮލޮމްބިއާ އާދެމެދު ނުތަނަސްވަސްކަން އިތުރުވާން ފެށީ، މަސްތުވާތަކެތީގެ ވިޔަފާރިއަށް ޕެޓްރޯ ސީދާގޮތުން ވާގިވެރިވަމުންދާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

އެމެރިކާއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދެކުނު ކެރީބިއަން ކަނޑުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަށް ވައިގެ ހަމަލާދީ ފައްތާލައިފަ އެވެ.

މަސްތުވާތަކެތި އުފުލާކަމުގެ އެއްވެސް ހެއްކެއްނެތި، އެ އުޅަނދުތަކަށް އެމެރިކާއިން ދޭ ހަމަލާތައް ކުށްވެރިކުރައްވައި، ޕެޓްރޯ ވަނީ ޓްރަމްޕް އިސްވެ، ގަސްދުގައި މީހުން ގަތުލުކުރާކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.

ޕެޓްރޯގެ ރައީސްކަމުގެ ދައުރު ނިމެން 10 މަސް ދުވަހަށްވެފައިވާއިރު، ކޮލޮމްބިއާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގުތަކާއި ގޭންގުތައް ހުއްޓުވަން އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ނަމަވެސް، މިހާތަނަށް އެ މަސައްކަތުން މާބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ.

އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓު ވިދާޅުވީ، ޕެޓްރޯގެ ވެރިކަމުގައި ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރިނާރާ މިންވަރަށް ކޮލޮމްބިއާގެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިތައް ފުޅާވުން ޕެޓްރޯ ހުއްޓުވުމަށް މަސައްކަތް ނުކުރައްވާތީ، އެމެރިކާގެ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، މި ހަރުކަށި ފިޔަވަޅު އަޅަން ޓްރަމްޕް ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެޓްރޯގެ އިތުރުން، އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުން، އަދި ކޮލޮމްބިއާގެ އިންޓީރިއާ މިނިސްޓަރާ ދެކޮޅަށް އެމެރިކާއިން މިއަދު ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

މި ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގައި ހުރި އެ މީހުންގެ މުދަލާއި ފައިސާގެ އިތުރުން، އެމެރިކާގެ އެއްވެސް ކުންފުންޏަކުން އެ މީހުންނާއެކު އެއްވެސް ވިޔަފާރިއެއް ހިންގުން މަނާވާނެ އެވެ.

އެމެރިކާއިން ކުރާ ތުހުމަތުތައް ދޮގުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ސަރުކާރުގައި މަސްތުވާތަކެތި އަތުލައިގަންނަ ނިސްބަތް އެތައް ގުނައަކުން އިތުރުވެފައިވާ ކަމަށެވެ. އަދި އެމެރިކާގައި އޭނާގެ އެއްވެސް ފައިސާ އެއް ނުހުންނާނެ ކަމަށް ވެސް ޕެޓްރޯ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުވައި، ދެ ގައުމުގެ މެދުގައި އޮތް ނުތަނަސްވަކަން އިތުރުވެފައިވާއިރު، ޓްރަމްޕް މީގެ ކުރިން ވަނީ ކޮލޮމްބިއާ ދެމުން އައި ހުރިހާ އެހީތަކެއް ކަނޑާލަން ނިންމަވައިފަ އެވެ.