ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހަތަރު ބޭފުޅަކު ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް މުއިއްޒު ނަން ހުށަހެޅުއްވި ހަތަރު ބޭފުޅުން އެންއައިސީއަށް އައްޔަނުކުރީ ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުން އައްޔަން ކުރަން ފާސްކޮށްފައިވާތީ އެވެ.

އެންއައިސީއަށް އައްޔަނުކުރެއްވި ބޭފުޅުންނަކީ ދަފްތަރު ނަންބަރު ރސ 1188، ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ނަންބަރު ރސ 12854، ޝިފާޒު އަލީ، ދަފްތަރު ނަންބަރު ރސ 1851، އަލީ މުހައްމަދުމަނިކު އަދި ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް އެވެ.

އެންއައިސީގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ދައުރު އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

ދައުރު ހަމަވި މެންބަރުންގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުގެ ރައީސް، ގާސިމް އަބްދުލްކަރީމް އާއި ނައިބުރައީސް، އާއިޝަތު ނިއުޝާގެ އިތުރުން މެންބަރު، އާމިނަތު ޝާދިޔާ އަދި އައްޔަނުކުރެއްވި ޝުއައިބު އަބްދުއްރަހްމާން އެވެ.

އެންއައިސީއަށް އައްޔަނުކުރެއްވި މެންބަރުންގެ ތެރޭގައި ނަގާ ވޯޓަކުން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނެ އެވެ.