ބަރުލަމާނީ އާއި ރިޔާސީއަކީ ރާއްޖޭގައި މިހާރު އަމަލުކުރެވެމުންދާ އާ ގާނޫނު އަސާސީ ވުޖޫދު ވެގެން އައި ދުވަސްވަރު ރައްޔިތުންގެ މެދުގައި ވަރަށް ހޫނުކޮށް ބަހުސު ކުރެވި ނިމިފައިވާ ކަމެކެވެ. ރައްޔިތުންގެ ވޯޓަކުން ފާސްވެގެން، ރާއްޖޭގައި އޮންނަން ޖެހެނީ ރިޔާސީ ނިޒާމެއްކަމުގައި ފެހި ގާނޫނު އަސާސީގައި ވަނީ ލިޔެ ނިމިފަ އެވެ. އެހެނަސް އޭރު ވެސް ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރެއްވި ރައީސް ނަޝީދު، އަނެއްކާވެސް މިވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި މެސެޖެއްގެ ޒަރީއާއިން އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާގޮތް މިވަނީ ހާމަކުރައްވާފަ އެވެ. އެ މެސެޖުގައި އެމަނިކުފާނު އެދިވަޑައިގެންފައިވަނީ 2023 ގައި އިންތިޚާބަކަށް ދިޔުމުގެ ބަދަލުގައި މިހާރު އޮތް މަޖިލީހުގެ މެޖޯރިޓި ބޭނުން ކުރައްވައިގެން ނިޒާމު ބަދަލު ކޮށްލެއްވުމެވެ. އޭގެ ފަހުގައި އެމަނިކުފާނު ބޮޑުވަޒީރަކަށްވެ، ވަޑައިގެން މަޖިލިސް މެންބަރުންގެ ތެރެއިން ހޮވާލެވޭ މިނިސްޓަރުން ހިމެނޭ ސަރުކާރެއް އެކުލަވައިލުމެވެ. ކަންތައް މިހިސާބަށް ދިއުމުން ބަރުލަމާނީ އާއި ރިޔާސީ ނިޒާމުގެ ވާހަކަ އަނެއްކާ ވެސް މިއޮތި ރައްޔިތުންނާ ހަމަޔަށް ތިލަވެފަ އެވެ.

ޑިމޮކްރެސީގައި ދޮށީ ބަރުލަމާނީ ނިޒާމެވެ. ބަރުލަމާނީ ނިޒާމަށް ވެސްޓް މިނިސްޓަ ސިސްޓަމޭ ވެސް ކިޔަ އެވެ. ސަބަބަކީ މި ނިޒާމަކީ އިނގިރޭސި ވެސްޓް މިނިސްޓަރުން އުފަންވެ ދުނިޔެއަށް ފެތުރުނު ނިޒާމަކަށްވުމެވެ. ބަރުލަމާނީ ނިޒާމު އުފެދިގެން އައީ ވަރަށް ޚުދުމުޚުތާރު ރަސްކަމެއްގެ ތެރެއިން ކަމުގައިވުމުން މިނިޒާމު މައިގަނޑު ގޮތެއްގައި އޮންނަނީ ރަސްކަން ހިމާޔަތްކުރުމާއި ރަސްގެފާނުގެ ސަރުކާރު ހިންގުމަށް ރަސްގެފާނުގެ ރައްޔިތުން ހޮވާ ސަރުކާރަކުން ގައުމު ހިންގުމެވެ. ގައުމުގެ ވެރިޔަކީ ރަސްގެފާނެވެ ނުވަތަ ރާނީ އެވެ. އެ ރަސްކަމުގެ ދަށުން ހިންގާ ސަރުކާރު ހިންގަނީ ރައްޔިތުން ހޮވާ ޕާލަމެންޓަކުންނެވެ. ޕާލަމެންޓުގެ މެޖޯރިޓީ ލީޑަރަކީ ޕްރައިމްމިނިސްޓަރެވެ. ނުވަތަ ބޮޑު ވަޒީރެވެ.

އިނގިރޭސި ރާނީ އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ. ދެ ގައުމުގައި އޮންނަނީ ވެރިކަމުގެ ތަފާތު ދެ ނިޒާމެއް.

އިނގިރޭސިން ކޮލޮނައިޒު ކޮށްގެން އުޅުނު ހުރިހާ ގައުމަކަށްހެން މިނިޒާމު ފެތުރި އެވެ. މިފަދަ ގައުމުތަކުގެ އެންމެ އިސް ވެރިއަކީ ސީދާ އިނގިރޭސި ރަސްގެފާނު ނުވަތަ ރާނީ އެވެ. އޮސްޓްރޭކިޔާ ނިވްޒީލޭންޑް ކެނެޑާފަދަ ގައުމުތަކުގައި އަދި ވެސް އޮންނަނީ އެ އުސޫލެވެ. ގައުމުގެ ވެރިޔަކީ އިނގިރޭސި ތަޚުތުގައި ހުންނަވާ ބޭފުޅެކެވެ. ސަރުކާރު ހިންގަނީ ޕާލަމެންޓުގެ މެޖޯރިޓީ ލީޑަރެވެ.

އިނގިރޭސިންގެ އަތް ދަށުން މިނިވަންވި ބައެއް ގައުމުތައް ބަރުލަމާނީ ނިޒާމު ބަލައިގަތް ނަމަވެސް އިނގިރޭސި ހެޑް އޮފް ސްޓޭޓް ކަން ގަބޫލު ކުރަން ދެކޮޅު ހެދި އެވެ. މިފަދަ ގައުމު ތަކުން ބަރުލަމާނީ ނިޒާމާއެކު ގައުމުގެ ވެރިޔަކު ވަކިން ހޮވާ ގޮތަށް ހަމަ ޖެއްސި އެވެ. ގިނަ ފަހަރަށް އެފަދަ ގައުމުތަކުގައި ބޮޑުވަޒީރަކާއެކު ރައީސެއް ހުރެ އެވެ. ރައީސަކީ ރަސްގެފާނުގެ ބަދަލެވެ. މީގެ މިސާލަކީ އިންޑިއާ ޕާކިސްތާނެވެ. ސްރީލަންކާ ވެސް މި ކެޓަގަރީއަށް ފެތެ އެވެ. މިފަދަ ބައެއް ގައުމު ތަކުގައި ރައީސާއި ބޮޑު ވަޒީރުގެ ބާރުތައް ފުށުއަރައި، އަރައިރުން ވާތަން ވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. ޕާކިސްތާނާ ސްރީ ލަންކާގެ ހިންގުމުގެ ތެރެއިން ދޭތެރެ ދޭތެރެއިން މިމަންޒަރު ފެންނާނެ އެވެ.

ރައީސް ނަޝީދު ފީނަން ތައްޔާރުވެވަަޑައިގެން.

ރިޔާސީ ނިޒާމަކީ ވިރާސީ ރަސްކަމަށް ފާޅުގައި ނޫނެކޭ ބުނެ ސީދާ ރައްޔިތުން ހޮވާ ވެރިޔަކު ގައުމު ހިންގުމެވެ. މި ނިޒާމަށް ގައުމުގެ ވެރިޔަކާ ސަރުކާރުގެ ވެރިޔަކާ ވަކިން ހުންނާކަށް ނުޖެހެ އެވެ. ރައްޔިތުންގެ ވޯޓުން ސަރުކާރު ހިންގުމަށް ހޮވާ ރައީސަކީ ސަރުކާރުގެ ވެސް ދައުލަތުގެ ވެސް އެންމެ އިސް ވެރިޔާ އެވެ. ޕާލަމެންޓުން ސަރުކާރުގެ ހިންގުމުގެ ތެރެއަކަށް ނުވަންނާނެ އެވެ. މަޖިލީހުގެ ދައުރަކީ ވެރިކަން ހިންގަން ބޭނުންވާ ގާނޫނުތަކާ ގަވާއިދުތައް ހެދުމުގެ އިތުރަށް ސަރުކާރުން ކަންތައް ކުރާ ގޮތަށް ފާރަވެރި ވުމެވެ. މިކަމުގައި މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ މިނިވަންކަން މަޖިލީހަށް އޮވެ އެވެ.

ރިޔާސީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހާ ސަރުކާރާ ޖުޑިޝަރީ މިއީ ވަކިވަކިން އޮންނަ ތިން ބާރެވެ. އޭގައި މަސްހުނި ކަމެއް ނޯވެ އެވެ. ރިޔާސީ ނިޒާމުގެ އެންމެ ފާހަގަ ކޮށް ލެވޭ ގައުމަކީ އެމެރިކާ އެވެ.

ރިޔާސީ ނިޒާމުގައި ދައުލަތުގެ ބާރުތައް ފުށުނާރާ ގޮތަށް ވަކިވެފައި އޮތް ނަމަވެސް ބަރުލަމާނީ ނިޒާމުގައި ހުރިހާބާރެއް އޮނަނީ ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގަ އެވެ. ސަރުކާރު ހިންގާ ބޮޑުވަޒީރަކީ މަޖިލިސް މެންބަރެކެވެ. ކެބިނެޓުގެ ހުރިހާ މިނިސްޓަރުންނަކީ މަޖިލީހުގެ މެންބަރުންނެވެ. މަޖިލީހުގެ މެމްބަރުން ހެނދުނު މިނިސްޓަރުންގެ ގޮތުގައި އޮފީހަށް ވަޑައިގެންނެވުމަށްފަހު މެންދުރުފަހު މަޖިލިހުގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މިނިސްޓްރީތަކުގައި ހިނގާ ކަންތަކާ މެދު ބަހުސް ކުރައްވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.

ރާއްޖެގައި މިހާރު ވެސް ރައްޔިތުންގެ މަޖިލީހަކީ އެންމެ ކޮރަޕްޝަން ބޮޑު އިދާރާކަމުގައި ބެލެވެ އެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބެން ޖެހެނީ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. ސަރުކާރުގެ ވަޒީފާއެއް ލިބެނީ މަޖިލިސް މެންބަރުންނާ ގުޅުން އޮންނަ މީހުންނަށެވެ. ބަރުލަމާނީގެ މާނައަކީ މިފަދަ މަޖިލީހަކަށް މުޅި ގައުމު ހިންގަން ރަސްމީ ކޮށް ހަވާލު ކުރުމެވެ. އެއިރުން ކަންވާނެ ގޮތް ވިސްނާލަން މިވަގުތު މިއޮތީ ދިވެހިންނަށް ޖެހިފަ އެވެ.

ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމެކެވެ. ދިވެހިން ބޭނުންވަނީ ކޮން ނިޒާމެއް ހެއްޔެވެ.