އެމްއެންޑީއެފްގެ އެއާ ކޯ އިން ބޭނުންކުރާ ގޮތަށް ރާއްޖޭގައި ގާއިމުކުރި ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި މިއަދު ހުޅުވައިފި އެވެ.
މި އެއާ ސްޓޭޝަން ހުޅުއްވައިދެއްވީ، އައްޑޫގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒެވެ.
އެއާ ސްޓޭޝަން ހުޅުވައިދެއްވުމަށް ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ސްޓޭޝަންގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލިއްޔަތު އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.
"މިއަދު މި ހުޅުވިގެން ދިޔަ އެއާ ސްޓޭޝަނަކީ މި ގޮތުން ވަރަށް މުހިންމު އިންފްރާސްޓްރަކްޗާ ވަސީލަތެއް. އަދި މުޅި ރާއްޖެ ވައިގެ މަގުން ބެލެހެއްޓުމުގައި އެއާ ކޯއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.
ގަމުގެ އިތުރުން ށ. ފުނަދޫގައި އެއާ ސްޓޭޝަނެއް ގާއިމްކުރަން ވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެތަނަށް ބޭނުންވާ ވަސީލަތްތައް ހޯދައި މި އަހަރުގެ ތެރޭގައި އެތަން ހުޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ އެއާ ސްޓޭޝަން ގާއިމުކުރެވިގެން މި ދަނީ "ތާރީހީ ގޮތުންނާއި، ޖޯގުރަފީގެ ގޮތުންނާއި، އިސްތިރާޖީ ގޮތުން" (ސްޓްރެޓެޖިކަލީީ) މުހިންމު ސަރަހައްދެއްގައި ކަމަށެވެ.
އެމްއެންޑީއެފްއިން ގެންގުޅޭ "ޓީބީ2" ޑްރޯންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި އެއާ ސްޓޭޝަނުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި، 100 މީޓަރުގެ އޭޕްރަންއަކާއި، ޒަމާނީ ވަސީލަތްތައް ހިމެނޭ ހޭންގަރެއްގެ އިތުރުން ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ވަނީ ގާއިމްކޮށްފަ އެވެ. އެތަނުގެ ހުރިހާ މަސައްކަތެއް ކުރީ ސިފައިންނެވެ.
އެއާ ކޯގެ ޑްރޯން ފްލީޓުގައި މިހާރު ހަ ޑްރޯން އެބައޮތް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ތުރުކީން ޑްރޯންތަކެއް ގަނެ، ދިވެހި އަސްކަރިއްޔާގެ އެއާ ކޯ އުފެއްދީ މާޗު 15، 2024 ވަނަ ދުވަހު އެވެ. މިހާތަނަށް ޑްރޯންތައް އޮޕަރޭޓުކުރަމުންދަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މުއިއްޒުގެ ބައްދަލުވުން ބައެއް ކައުންސިލަރުން ބޮއިކޮޓްކޮށްފި
ސިންގަޕޫރުގައި ސްކޭމްކުރާ މީހުންގެ ގައިގައި އެއްތެލުން ތަޅަނީ
މުވައްޒަފުންނަށް ފިޔަވަޅު އަޅާތީ ސިޔާސީން ގުޅާކަން ނުޖެހޭނެ
