ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ކޮރިއޮގްރާފަރު ފަރާ ޚާންއަކީ އޭނާގެ ދިރިއުޅުމުގެ ކަންކަން ވަރަށް ހާމަބޮޑު ގޮތެއްގައި ހިއްސާކުރާ ތަރި އެކެވެ.

އެގޮތުން މި ފަހުން ދިން އިންޓަވިއުއެއްގައި ފަރާ ވަނީ އޭނާގެ މާޒީގެ ހަނދާންތައް އާކޮށް ލޯތްބަށްޓަކައި ވީ ގުރުބާނީތަކުގެ ވާހަކަ ކިޔައިދީފަ އެވެ.

ކާޖޮލްއާއި ޓްވިންކަލް ހަންނާގެ ޓޯކް ޝޯގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ޒުވާން ދައުރުގެ ހަނދާންތައް އާ ކުރަމުން ފަރާ ބުނީ ލޯތްބަށްޓަކައި އެތައް ކަމެއް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން މީހެއްގެ ލޯބި ހޯދުމަށްޓަކައި ހުސްފަޔާ ހާޖީ އަލީއަށް ގޮސް ދުއާކުރި ކަމަށާއި އެހެން ނަމަވެސް އެ ދުއާ ގަބޫލު ނުވީތީ މިއަދު ޝުކުރުވެރިވާ ކަމަށް ފަރާ ބުންޏެވެ.

އޭގެ އިތުރުން ވެސް ފަރާ ވަނީ ޒުވާން އުމުރުގައި މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭއަށް ހިތްކީ ކަމަށް ވެސް ބުނެފަ އެވެ. އޭރު ޗަންކީގެ ދަރިފުޅު އަނަންޔާ އޭނާގެ ކައިރީގައި އިނެވެ.

އޯމް ޝާންތި އޯމްއާއި ހެޕީ ނިއު އިޔާ ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓް ކޮށްދީފައިވާ ފަރާ 2004 ވަނަ އަހަރު ކައިވެނިކުރީ ޝިރިޝް ކުންޑަންއާ އެވެ.