ދިރާގުން އެ ކުންފުނީގެ ތިން ވަނަ ޑޭޓާ ސެންޓަރު، ނ. ވެލިދޫގައި ހުޅުވައިފި އެވެ.
މިއީ، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގައި އެ ކުންފުނިން ހާސިލުކޮށްފައިވާ އިތުރު ލަނޑުދަނޑިއެ ކެވެ.
މިއަދު ވެލިދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޑޭޓާ ސެންޓަރު ހުޅުވައިދެއްވައިފައިވަނީ، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އާއި ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސައިންއެވެ.
މި ޓިއަރ-3 ރެޑީ ޑޭޓާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި އިތުބާރު ހިފޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމްކޮށްފައިވާ ސެންޓަރެކެވެ. މި ޑޭޓާ ސެންޓަރުގެ އެހީގައި، މި ސަރަހައްދަށް ނިސްބަތްވާ ރިސޯޓުތަކާއި ކުންފުނިތަކަށް ހިދުމަތްފޯރުކޮށްދޭ ތަންތަނާއި ގާތުގައި ޑޭޓާ ރައްކާތެރިކުރުމުގެ މަގު ވަނީ ފަހިވެފަ އެވެ.
މީގެ އިތުރުން، ކްލައުޑް ބޭސްޑް ހިދުމަތްތަކާއި، އެކިއެކި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބި، ދެމެހެއްޓިނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ އެވެ.
ދިރާގުން ވަނީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމުގައިވާ ދިރާގު ހުޅުމާލެ ޑޭޓަރ ސެންޓަރު ހުޅުވައިފައެވެ. މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓަރު ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑެވެ.
މި ކާމިޔާބީއާ އެކު ދިރާގުން ވަނީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ފައިތިލަ ސާބިތުކޮށް، އެ ކުންފުނިން ދަނީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރަށްރަށުގެ ކުރިއެރުމަށް ޓެކްނޮލޮޖީގެ އެހީގައި އިތުރު މަގުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
"އަލްވަދާއު"ގެ ޓްރެއިލާ ނެރެފި
ޑެބިޓް ކާޑުން ބޭރުގައި ފައިސާ ދެއްކޭ ވަރު 1،000 ޑޮލަރަށް
ކޮންމެ ދުވަހަކު ކިއުކަމްބާއެއް ކާންވީ މިހެންވެ!
