ކުރިއަށް އޮތް ހަ ގަޑިއިރުގެ ތެރޭގައި ކުރިއެކޭ ވެސް އެއްގޮތަށް ފުވައްމުލަކަށް ފެނުގެ ހިދުމަތް ލިބޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ފުވައްމުލަކުގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފައިވާކަމަށެވެ.

ހީނާ ވިދާޅުވީ ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ. އަދި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލަކަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަންފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.